އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ހައްލު ކުރުމުގައި ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ ސްޕީޑު ފެންނަނީ ޓޫޓީ އިންޖީނެއްގެ ސްޕީޑުގައި ކަމަށާއި، އެވަރަށް ދުއްވައިގެން މިމައްސަލަ ހައްލު ކުުރެވޭ ތަނެއް ނުފެންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.
އައްޑޫ ފްލައިންގ ސްކޫލު ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލެއް ނުހޯދި، މައްސަލަ ބޮއްސުންލާފައިވާއިރު، މިމައްސަލައިގެ ޒިންމާ އުފުލުއްލަވާ ޓްރާސްޕޯޓް މިނިސްޓްރީ ތެރޭގައިވެސް ވަނީ ބައިބައިވުން އުފެދިފައެވެ. މިނިސްޓަރާއި ސްޓޭޓް މިނިސްޓަރ ބޮޑު ކޯޅުމެއްގައި އުޅުއްވާއިރު، މިމައްސަލައަށް ހައްލެއް ނައުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. ފްލައިން ސްކޫލުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވޭތަން ނުފެންނާތީ މެމްބަރު ނަސީމް ވިދާޅުވީ މިމައްސަލައިގެ ތެރޭގައި ވަރަށް ބޯކޮށް "ފެހި" ޖަހާފައިވާ ކަމުގެ ޚަބަރުވެސް ލިބޭކަމަށެވެ.
މިނިސްޓަރ ނަހުލާ ޓޫޓީ އިންޖީނެއްގެ ސްޕީޑުގައި ދުއްވައިގެން މިކަން ވާކަށް ނެތް! ކުރިއަށް ކަޑާނީ ސްޕީޑު ބާރުކޮށްގެން! ޚަބަރުތައް ލިބެނީ ފްލައިން ސްކޫލުގެ ކަންކަމުގައި ވަރަށް ބޯކޮށް ފެހި ޖަހާފައި އޮތްކަމަށް.
– ނަސީމް ވިދާޅުވިއެވެ.
އައްޑޫ ފްލައިންގ ސްކޫލު ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެ ދަރިވަރުންނަށް ބޭރު ގައުމެއްގެ ފްލައިން ސްކޫލަކުން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ދާދިފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ.
އައްޑޫ ފްލައިންގް ސްކޫލްގައި މިވަގުތުވެސް 170 އަށްވުރެ ގިނަ ކުދިން ކިޔަވަމުންދެއެވެ. ނަމަވެސް އެކުދިންނަށް ތަމްރީން ދިނުމުގައި ހަރަކާތްތެރިވަނީ 12 އިންސްޓްރަކްޓަރުންނެވެ.
އައްޑޫ ފްލައިން ސްކޫލު މައްސަލައަށް ހައްލު އައުން ލަސްވެފައިވަނީ އެ ސްކޫލުގެ މެނޭޖުމަންޓާއި ޓާރާސްޕޯޓް މިނިސްޓްރީއާއި އޮތް ގާތް ގުޅުމުންކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެވެއެވެ. ޚާއްސަކޮށް ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރުގެ އާއިލީ މަސްލަހަތު މިކަމުގައި ވަރަށްބޮޑަށް އެކުލެވޭކަން ޚަބަރު އޮންލައިނަށް ލިބިފައިވާ މައުލޫމާތުތަކުން ވަރަށް ބޮޑަށް ކަށަވަރު ކުރެވެއެވެ. ފްލައިން ސްކޫލުގެ މައްސަލާގައި ފިޔަވަޅު އަޅުއްވާނެކަމަށް މިނިސްޓްރީން ވިދާޅުވި ނަމަވެސް މިހާތަނަށް އަމަލީ އެއްވެސް ފިޔަވަޅެއް ނާޅުއްވާކަމީ މިކަމުގައި ގިނަ ބަޔެއްގެ ކަންބޮޑުވުން ފާޅުކުރާ އެއްސަބަބެވެ.
ކޮމެންޓު ފޮނުވާ