ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް އެދެވޭ ގޮތަކަށް ކުރިއަށްދާ ކަމަށް ބުނެފި

ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް އެދެވޭ ގޮތަކަށް ކުރިއަށްދާ ކަމަށް ބުނެފި

Author
އަހުމަދު
05 ފެބްރުއަރީ 2026 09:25
0

ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިސްވެ އޮވެ އަބޫދާބީގައި ކުރިއަށްގެންދާ މަޝްވަރާތަކުގެ ދެވަނަ ބުރުގެ ވާހަކަތައް، އެދެވޭ ގޮތަކަށް ކުރިއަށްދާކަމަށް މަޝްވަރާގެ ބައިވެރިން ހާމަކޮށްފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަޝްވަރާތަކުގެ ފުރަތަމަ ދުވަހުގެ ބައްދަލުވުންތައް މިހާރު ވަނީ ނިމިފައެވެ. މި ބައްދަލުވުންތަކުގައި ޔޫކްރެއިންގެ ފަރާތުން އިސްކޮށް ހުންނެވި ރުސްތެމް ޔުމެރޮވް ވިދާޅުވީ، މައްސަލަ ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އޮއްޓަރު ހުރި ވާހަކަތަކެއް ދެކެވުނު ކަމަށެވެ. އަދި އެމެރިކާގެ އޮފިޝަލުންވެސް ވަނީ މި ވާހަކަތަކަކީ ބިނާކުރަނިވި މަޝްވަރާތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކުގެ ބޭނުމަކަށް ވާންވާނީ ހަގީގީ ސުލްހަ ގެނައުމެވެ. މިއީ ރަޝިޔާއިން ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތަކަށް ވެގެން ނުވާނެކަމަށާއި، ޔޫކްރެއިންގެ ބައިވެރިން ރަޝިޔާއަށް ކުރިމަތިކުރާ ފިއްތުންތައް އިތުރުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން ހަނގުރާމަ ހުއްޓުމަކާ ގާތަށް ދާކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވެން ޖެހޭނެކަމަށްވެސް ޒެލެންސްކީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އަސީރުން ބަދަލުކުރުމުގެ އައު ބުރެއް ފެށޭނެކަމުގެ އުންމީދު އޮތްކަން ޒެލެންސްކީ ހާމަކުރެއްވިއެވެ. ހަނގުރާމައިގެ ގެއްލުންތަކަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، ހަނގުރާމައިގައި މަރުވި ޔޫކްރެއިން ސިފައިންގެ އަދަދު މިހާރު 55،000 އަށް އަރާނެކަމަށް ބެލެވޭ ކަމަށެވެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ އަދަދު ހުރިކަމަށް ރިޕޯޓުކޮށްފައިވާ 46،000 އާ އަޅާބަލާއިރު އިތުރުވުމެކެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، ގިނަ ދުވަސްތަކަކަށްފަހު ދެ ގައުމުގެ އަސްކަރީ ޓެކްނިކަލް ޓީމުތަކުން ބައްދަލުކޮށް މުއާމަލާތްކުރުމަކީ ރަނގަޅު ފާލެއް ކަމަށެވެ. ނަމަވެސް، ރަޝިޔާގެ ތަރުޖަމާނު ދިމިތުރީ ޕެސްކޮވް ވިދާޅުވެފައިވަނީ، ހަނގުރާމަ ނިމުމަކަށް ގެނެވޭ ފަދަ ނިންމުމެއް ޔޫކްރެއިނުން ނިންމަންދެން ރަޝިޔާއިން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.