ބޮންޑު ގަތުމުގެ މުޢާމަލާތަށް ޕެންޝަން އޮފީހުގެ ބޯޑުން ރުހުން ދީފި

ބޮންޑު ގަތުމުގެ މުޢާމަލާތަށް ޕެންޝަން އޮފީހުގެ ބޯޑުން ރުހުން ދީފި

Author
ޙަސަން މުޙައްމަދު
03 ފެބްރުއަރީ 2026 04:24
0

ދައުލަތުގެ މާލީ ވުޒާރާއިން ހުށަހެޅި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުން ރުހުން ދީފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ އޮފީހުގެ އިސްވެރިންތަކެއް މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، އަދި ބޯޑަށް ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރުމަށްފަހު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

ޕެންޝަން އޮފީހުން މިކަމާ ގުޅޭ ރަސްމީ ތަފްސީލެއް ހާމަނުކުރި ނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި މުއާމަލާތް ހިންގުމަށް ރާވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށެވެ. ޕެންޝަން ފަންޑުގައި މިވަގުތު މި މިންވަރަށް ނަގުދު ފައިސާ ނެތުމުގެ ސަބަބުން، ހަމަޖެހިފައިވަނީ ޕެންޝަން ފަންޑުން ކުރިން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލް އެމްއެމްއޭއަށް ވިއްކާލުމަށްފަހު ލިބޭ ފައިސާއިން ސަރުކާރުގެ އާ ބޮންޑު ގަތުމަށެވެ. މިއީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ބޭނުންވެގެން ކުރިއަށްގެންދާ ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި އިންވެސްޓްމަންޓް ފާސްކުރުމާ ހަމައަށް އައިއިރު ޕެންޝަން އޮފީހުގެ ތެރޭގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން މި މުއާމަލާތާމެދު ހިތްހަމަޖެހިވަޑައިނުގެން، ޕެންޝަން ބޯޑުގެ ޗެއާޕާސަން އަޙްމަދު އީނާޒް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، ބޮންޑު ގަތުމަށް ފާސްކުރީ ވަގުތީ ގޮތުން ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކު ހަމަޖެއްސުމަށް ފަހުގައެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ތެރޭގައި ޕެންޝަން ބޯޑުގެ މެންބަރު އަޙްމަދު ސަރުވަޝް އާދަމާއި، އެ އޮފީހުގެ ސީއެފްއޯ ޙައްވާ ފަޖުވާ ވެސް ވަނީ މި މުއާމަލާތާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. ފިނޭންސް މިނިސްޓްރީގެ އިސް މަގާމެއްވެސް ކުރިން ފުރުއްވާފައިވާ ސަރުވަޝް ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެމްއެމްއޭ މެދުވެރިކޮށް މިފަދަ ގޮތަކަށް ފައިސާ ހޯދައިގެން އިންވެސްޓް ކުރުމަކީ ނުސީދާކޮށް ފައިސާ ޗާޕުކުރުން ފަދަ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.