ރޯދައަށް ގޭތެރެ އާކުރާއިރު ބާކީވާ ތަކެތި ހަދިޔާކުރުމަށް "އެއްގެއިން އަނެއްގެއަށް" ޕްރޮގްރާމް ފަށަނީ

ރޯދައަށް ގޭތެރެ އާކުރާއިރު ބާކީވާ ތަކެތި ހަދިޔާކުރުމަށް "އެއްގެއިން އަނެއްގެއަށް" ޕްރޮގްރާމް ފަށަނީ

Author
ޙަސަން މުޙައްމަދު
03 ފެބްރުއަރީ 2026 10:56
0

ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ގޭތެރެ ޒީނަތްތެރިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އުކާލެވޭ، ނަމަވެސް ބޭނުންހިފޭ ހާލަތުގައި ހުންނަ ތަކެތި އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ "އެއްގެއިން އަނެއްގެއަށް" ހަރަކާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ގޭތެރޭގެ އާބާތުރަ ފިލުވައި، ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ސަގާފަތުގައި ހިމެނޭ ކަމެކެވެ. މިގޮތަށް އާކުރާއިރު، އުކާލާ ތަކެތީގެ ތެރޭގައި އަލުން ބޭނުންކުރެވޭ ފަދަ ރަނގަޅު ހާލަތުގައި ހުންނަ ތަކެތި ގިނަ އަދަދަކަށް ހުރެއެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މި ކެމްޕެއިން ޚާއްސަކޮށްފައިވަނީ ހުޅުމާލޭގެ ގޭބީސީތަކުން ނެރޭ، ބޭނުންކުރެވޭ ހާލަތުގައި ހުންނަ ފަރުނީޗަރާއި އިލެކްޓްރޯނިކްސް ފަދަ ސާމާނަށެވެ.

މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގެ ދަށުން، ގޭބީސީތަކުން ހަދިޔާކުރާ ތަކެތި އެޗްޑީސީން ބަލައިގަނެ، އެ ތަކެތި ބޭނުންވެފައިވާ ފަރާތްތަކަށް ރައްދުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރު ބާކީ ހުންނަ ތަކެތި، އެ ތަކެއްޗަށް ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ހަދިޔާކުރެވޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ރޯދަ މަހުގެ ރޫހާ އެއްގޮތަށް އެކަކު އަނެކަކަށް އެހީތެރިވެ، ތަކެތި ހިއްސާކުރުމުގެ އާދަ އަށަގެންނެވުމެވެ. މީގެ އިތުރުން، ފްލެޓްތައް ހިމެނޭ ސަރަހައްދުތަކުން ރޯދައާ ދިމާކޮށް އުކާލާ ކުނީގެ މިންވަރު މަދުކޮށް، ތަކެތި އިސްރާފުކުރުމުގެ ބަދަލުގައި "ރީ-ޔޫޒް" ނުވަތަ އަލުން ބޭނުންކުރުމަށް ބާރުއެޅުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ. ވީމާ، މި ހެޔޮ އަމަލުގައި ބައިވެރިވެ ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުންނާއި، މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅުއްވުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.