ޝައިޚް ޙަސީނާއަށް އިތުރު 10 އަހަރުގެ ޖަލު ޙުކުމެއް، ބޮޑުދައިތަ ވިދާޅުވާ ސިއްދީޤަށް 4 އަހަރު

ޝައިޚް ޙަސީނާއަށް އިތުރު 10 އަހަރުގެ ޖަލު ޙުކުމެއް، ބޮޑުދައިތަ ވިދާޅުވާ ސިއްދީޤަށް 4 އަހަރު

Author
ހުސައިން
03 ފެބްރުއަރީ 2026 10:51
0

ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ކައިރީގައި ސަރުކާރުން ހިންގި ޓައުންޝިޕް މަޝްރޫޢަކާ ގުޅިގެން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތަކެއް ސާބިތުވެ، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ 10 އަހަރަށް ޖަލަށް ލުމަށާއި، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ޙަސީނާއަށް ބޮޑުދައިތަ ވިދާޅުވާ ޓިއުލިޕް ސިއްދީޤު 4 އަހަރަށް ޖަލަށް ލުމަށް ބަންގްލަދޭޝްގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. ސްޕެޝަލް ގާޒީ ކޯޓު-4 ގެ ގާޒީ މުޙައްމަދު ރަބީއުލް ޢާލަމް އިއްވެވި މި ޙުކުމުގައި، ޕޫރްބާޗަލް ނިއު ޓައުން ޕްރޮޖެކްޓުން ގޯތި ހޯދުމުގައި ޤާނޫނާ ޚިލާފުވެފައިވާތީ، ޙަސީނާގެ ކޮއްކޯފުޅު ޝައިޚް ރެހާނާގެ ދަރިކަނބަލުން އަޒްމީނާ ސިއްދީޤާއި ދަރިކަލުން ރަދުވާން މުޖީބު ސިއްދީޤުގެ މައްޗަށްވެސް ވަނީ ހަތް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ބަންގްލަދޭޝްގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ގަވާއިދުތަކާ ޚިލާފަށް އަދި ޝަރުޠު ހަމަނުވި ނަމަވެސް، އިސް އޮފިޝަލުންތަކަކާ ގުޅިވަޑައިގެން ޙަސީނާ ވަނީ އެކަމަނާގެ ޢާއިލީ މެމްބަރުންނަށް ދިރިއުޅުމަށް ހަ ގޯތި ނަހަމަ ގޮތުގައި ހޯއްދަވައިދެއްވާފައެވެ. ނަމަވެސް، މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޓިއުލިޕް ސިއްދީޤު ވިދާޅުވެފައިވަނީ އޭނާއަކީ ބަންގްލަދޭޝްގެ ރައްޔިތެއް ނޫން ކަމަށާއި، ބަންގްލަދޭޝް ސަރުކާރުން އޭނާއަށް އެއްވެސް އިރެއްގައި ގޯއްޗެއް ލިބިފައިނުވާ ކަމަށެވެ.

މި ޙުކުމްތައް އިއްވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ޢާންމު އިންތިޚާބަށް ވަގުތީ ސަރުކާރުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މި އިންތިޚާބުގައި ޙަސީނާ ނިސްބަތްވެވަޑައިގަންނަވާ އަވާމީ ލީގަށް ވާދަނުކުރެވޭ ގޮތަށް ނިންމާފައިވާއިރު، މީގެ ކުރިންވެސް މި މަޝްރޫޢާ ގުޅުންހުރި ކޮރަޕްޝަންގެ އިތުރު ހަތަރު މައްސަލައެއް ސާބިތުވެ ޙަސީނާގެ މައްޗަށް ވަނީ ޖުމްލަ 26 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އަދި އެ މައްސަލަތަކުގައި ޙަސީނާގެ ދަރިކަލުން ސަޖީބު ވަޒީދާއި ދަރިކަނބަލުން ސައިމާ ވަޒީދަށް ފަސް އަހަރުގެ ޙުކުމެއް އަދި ކޮއްކޯފުޅު ޝައިޚް ރެހާނާއަށް ހަތް އަހަރުގެ ޙުކުމެއް ވަނީ އިއްވާފައެވެ.

މީގެއިތުރުން، 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ކުރިއަށް ގެންދިޔަ މުޒާހަރާތައް ހުއްޓުވުމުގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅިގެން ޙަސީނާގެ މައްޗަށް ވަނީ މަރުގެ ޙުކުމްވެސް އިއްވާފައެވެ. 15 އަހަރުވީ ދިގު ވެރިކަން ވެއްޓުމާއެކު ޙަސީނާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައިވާއިރު، ޙުކުމް އިއްވުނު އާއިލާގެ އެހެން މެމްބަރުންވެސް މިވަގުތު ތިބީ ޤައުމުން ބޭރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.