އެޕްސްޓެއިންއާ އެކު ކުރި މުއާމަލާތްތަކެއް ފަޅާއެރުމުން ސްލޮވާކިއާގެ ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

އެޕްސްޓެއިންއާ އެކު ކުރި މުއާމަލާތްތަކެއް ފަޅާއެރުމުން ސްލޮވާކިއާގެ ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

Author
އަހުމަދު
02 ފެބްރުއަރީ 2026 11:20
0

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދާދި ފަހުން އާންމުކުރި ލިޔެކިޔުންތަކަކުން، މަޝްހޫރު ޖެފްރީ އެޕްސްޓެއިންއާ އެކު އަންހެން ކުދިންނާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާކަން ހާމަވުމާ ގުޅިގެން، ސްލޮވާކިއާގެ ބޮޑުވަޒީރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މިރޮސްލާވް ލަޖާކް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މިއީ އެޕްސްޓެއިންއާ ގުޅޭ ގާތްގަނޑަކަށް ތިން މިލިއަނެއްހާ ފައިލް އެމެރިކާއިން އާންމުކުރިތާ އެއް ދުވަސް ފަހުން ހިނގައިދިޔަ ކަމެކެވެ.

ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި، ލަޖާކްގެ އިސްތިއުފާ ގަބޫލުކުރެއްވިކަން އިއުލާނު ކުރައްވާފައެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ލަޖާކްއަކީ ޚާރިޖީ ސިޔާސަތާއި ޑިޕޮލަމަސީގެ ދާއިރާއިން ނުހަނު ބޮޑެތި ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ގާބިލު ބޭފުޅެކެވެ. ލަޖާކް ވަނީ ސްލޮވާކިއާގެ ހަތަރު ސަރުކާރެއްގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ފިކޯގެ ތިން ސަރުކާރެއް ހިމެނެއެވެ.

އާންމުވެފައިވާ ލިޔެކިޔުންތަކުގައި ލަޖާކް ޖިނާއީ ކުށެއް ކުރެއްވިކަމުގެ އެއްވެސް ހެއްކެއް ނެތް ނަމަވެސް، 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭނާ އެޕްސްޓެއިންއާ ދެމެދު ބަދަލުކުރެވުނު މެސެޖުތަކެއްގައި އަންހެން ކުދިންނާ ބެހޭގޮތުން މަޖާ ގޮތަކަށް ވާހަކަދެކެވިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އޭރު ލަޖާކް ހުންނެވީ ސްލޮވާކިއާގެ ޚާރިޖީ ވަޒީރުގެ މަގާމުގައެވެ. ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެޕްސްޓެއިން އަންހެން ކުދިންތަކެއްގެ ފޮޓޯއެއް ފޮނުވުމުން، އެ "ގޭމްތަކަށް ދައުވަތު ނުދެނީ ކީއްވެތޯ" ލަޖާކް ސުވާލުކުރައްވާފައިވެއެވެ.

ހުކުރު ދުވަހު އާންމުކުރި މި ފައިލްތަކުން އެޕްސްޓެއިންއާ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބޭފުޅުންނާ އޮތް ގުޅުންތަކުގެ އާ ތަފްސީލުތައް ދަނީ ހާމަވަމުންނެވެ. އޭގެ ތެރޭގައި އީލޮން މަސްކް، ލޯޑް ޕީޓާ މެންޑެލްސަން، ބިލް ގޭޓްސް އަދި ޕްރިންސް އެންޑްރޫ ފަދަ ބޭފުޅުން ހިމެނެއެވެ. ޖިންސީ ވަގުފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަަނިކޮށް އެޕްސްޓެއިން މަރުވެފައިވަނީ 2019 ވަނަ އަހަރު ޖަލުގައި ހުއްޓައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.