ބޮޑު އަޣުލަބިއްޔަތަކުން އަދާލަތު ޕާޓީގެ ރައީސްކަމަށް ޝައިޚް ޝިފާން ހޮވިއްޖެ

ބޮޑު އަޣުލަބިއްޔަތަކުން އަދާލަތު ޕާޓީގެ ރައީސްކަމަށް ޝައިޚް ޝިފާން ހޮވިއްޖެ

Author
އަހުމަދު
01 ފެބްރުއަރީ 2026 10:34
0

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ދެވަނައަށް އެންމެ ދުވަސްވީ ޕާޓީ، އަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރައީސްކަމަށް ޝައިޚް މުޙައްމަދު ޝިފާން އިންތިޚާބުވެވަޑައިގެންފިއެވެ. އިއްޔެ ކުރިއަށްދިޔަ މި އިންތިޚާބުގައި ޝިފާން މި މަގާމު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 99 އިންސައްތަ ވޯޓު ހޯއްދަވައި، ބޮޑު އަޣުލަބިއްޔަތަކުންނެވެ.

"ފަހިވިހި" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި އިންތިޚާބުގައި ޝައިޚް ޝިފާންއާ ވާދަކުރެއްވި އަލްއުސްތާޛް އިކްރާމް އަބްދުއްސައްތާރަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ އެންމެ އެއް އިންސައްތަ ވޯޓެވެ. މީގެ އިތުރުން، ޕާޓީގެ ނައިބު ރައީސް ހޮވުމަށް ނެގި ވޯޓު ކާމިޔާބު ކުރައްވައި، އެ މަގާމަށް ޝައިޚް ޢަބްދުﷲ ރަޝީދު ވަނީ އިންތިޚާބުވެވަޑައިގެންފައެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާނުކުރުމާއެކު، ޕާޓީގެ ތިންވަނަ ދައުރުގެ ރައީސްކަން ކުރެއްވި ޝައިޚް އިމްރާން ޢަބްދުﷲ ވަނީ އިންތިޚާބުވި އައު ލީޑަޝިޕަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކޮންގްރެސް ބާއްވައި، އައު ޖީލަކާ ޕާޓީގެ ހިންގުން ހަވާލުކުރުމުގެ މަރުހަލާގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އިމްރާން ދެއްވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 8،267 މެންބަރުން ރަޖިސްޓްރީކޮށްފައިވާ އަދާލަތު ޕާޓީގެ މެންބަރުން އުންމީދުކުރަނީ، އައު ރައީސަކު އިންތިޚާބުވުމާއެކު ޕާޓީގެ ކުރިމަގުގެ ސިޔާސީ ހަރަކާތްތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.