ޤަތުލްޢާއްމު ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކުރެވިފައި އޮތް ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ 31 ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. ޝަހީދުކޮށްލެވުނު މީހުންގެ ތެރޭގައި ހަ ކުޑަކުދިންނާއި ފަލަސްތީނުގެ ފުލުހުންގެ ބަޔަކުވެސް ހިމެނޭއިރު، މިއީ ރަފަހް ބޯޑަރު ހުޅުވުމަށް ތާވަލުކުރެވިފައި އޮތް ދުވަހުގެ އެއް ދުވަސް ކުރިން ހިންގި ލާއިންސާނީ ޖަރީމާތަކެކެވެ.
މި ހަމަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާތައް އަމާޒުކޮށްފައިވަނީ ރެފިއުޖީން ދިރިއުޅެމުންދިޔަ ސަރަހައްދުތަކަށެވެ. އެގޮތުން ޚާން ޔޫނިސްގެ ހުޅަނގު އުތުރުގައި އޮންނަ އަލް-މަވާސީ ސަރަހައްދުގައި ހުރި ފޭލިގެއަކަށް ދިން ވައިގެ ހަމަލާއެއްގައި ތިން ކުޑަކުދިން ހިމެނޭހެން ހަތް މީހުން ޝަހީދުވިއެވެ. މީގެއިތުރުން ގައްޒާ ސިޓީގެ ރިމާލް އަވަށުގެ އިމާރާތަކަށް ދިން ބޮމުގެ ހަމަލާއެއްގައި، އެއް އާއިލާއެއްގެ މަންމައަކާއި އޭނާގެ ކުދިން ހިމެނޭހެން ފަސް މީހުން ޝަހީދުވެ، މުޅި ސަރަހައްދު ވަނީ ދުމާއި ހިރަފުހުން ފޮރުވިފައެވެ. އަދި ދަރަޖް އަވަށަށް ދިން ހަމަލާތަކުގައިވެސް ގިނަ ބަޔަކު ޒަޚަމްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާ މެދުވެރިވެގެން އެކުލަވާލި ޤަތުލްޢާއްމު ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް އިސްރާއީލުން މިހާތަނަށް 524 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ގައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކުރެއެވެ. މިއަދު ރަފަހް ބޯޑަރު ހުޅުވުމަށް ހަމަޖެހިފައިވީ ނަމަވެސް، އިސްރާއީލުން ވަނީ އެތަނުން އިންސާނީ އެހީ އެތެރެވުމުގެ ހުއްދަ ނުދިނުމަށާއި، ހަމައެކަނި ހުއްދަ ލިބިފައިވާ މަދު ބަޔަކަށް ނޫނީ ބޯޑަރު ހުރަސް ނުކުރެވޭނެ ކަމަށް އަންގާފައެވެ. މިކަމާ ގުޅިގެން ގައްޒާގެ ހެލްތު މިނިސްޓްރީން ވަނީ، ސިއްހީ ސާމާނާއި ބޭސް ހުސްވެ، ހާލަތު އިންތިހާއަށް ގޯސްވެފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހަމަލާތަކާ ގުޅިގެން އދ. ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އެޖެންސީ (UNRWA) ގެ ވެރިޔާ ފިލިޕް ވިދާޅުވީ، މިއީ ހަމައެކަނި "ނަމެއްގައި" އޮތް އެއްބަސްވުމެއް ކަމަށާއި، ގައްޒާގެ ރައްޔިތުންނަށް ބޭނުންވަނީ ހަގީގީ ސުލްހަ ކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުން ގެއްލިދާނެ ކަމުގެ އިންޒާރު ދެމުން މިސްރާއި ގަތަރުންވެސް ވަނީ އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށްފައެވެ. އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާތަކަކީ ހަމާސްއިން އެއްބަސްވުމާ ޚިލާފުވުމުން ދިން ރައްދެކެވެ. ނަމަވެސް ހަމާސްގެ އިސް އޮފިޝަލުން ވަނީ އެކަން ދޮގުކޮށް، މިއީ އެއްބަސްވުންތަކަށް އިހުތިރާމް ނުކުރާ އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގާ ޖަރީމާތަކެއް ކަމަށް ސިފަކޮށްފައެވެ. 2023 އޮކްޓޯބަރު 7 އިން ފެށިގެން ހިނގަމުންދާ މި ޤަތުލްޢާއްމުގައި މިހާތަނަށް 71،600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
ކޮމެންޓު ފޮނުވާ