އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި، މިހާތަނަށް 3،400 އަށްވުރެ ގިނަ ފަރާތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމަށް 1،865 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން 1،556 ކެންޑިޑޭޓުންގެ ހުށަހެޅުން ކޮމިޝަނުން ބަލައިގެންފައިވާއިރު، އެކި ސަބަބުތަކާހުރެ 309 މީހެއްގެ ކެންޑިޑެސީ ވަނީ ގަބޫލުނުކުރަން ނިންމާފައެވެ. ނަމަވެސް، ފޯމު ބާތިލުކުރި މީހުންގެ ތެރެއިން 286 ފަރާތަކުން އަލުން އިސްލާހުކޮށް ފޯމު ހުށަހަޅާފައިވާކަމަށް އީސީން މައުލޫމާތު ދެއެވެ. ހަމައެއާއެކު، އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބަށް ހުށަހެޅުނު ފޯމުތަކުގެ ތެރެއިން 1،548 މީހެއްގެ ކެންޑިޑެސީ ބަލައިގެންފައިވާއިރު، ގަބޫލުނުކުރި 216 ފޯމުގެ ތެރެއިން 192 ފަރާތަކުން ވަނީ ދެވަނަ ފަހަރަށް ފޯމު ހުށަހަޅާފައެވެ.
ކެންޑިޑޭޓުންގެ ފޯމުތައް ބަލައިނުގަނެ އަނބުރާ ފޮނުވާލަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އުމުރަށް ބަލައި ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ހުށަހަޅާފައި ނުވުމާއި، ސާބިތުވެފައިވާ ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލު ހިމަނާފައި ނުވުން ހިމެނެއެވެ. މީގެ އިތުރުން ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށް ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ހުށަހަޅާފައި ނެތުމަކީވެސް ކެންޑިޑެސީ ގަބޫލުނުކުރި ސަބަބެއް ކަމަށް އީސީން ފާހަގަކުރެއެވެ.
މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑި މާދަމާ ހަވީރު 5:30 އަށް ހަމަވާނެއެވެ. އިންތިހާބަށް ކުރިމަތިލުމަށް ކޮމިޝަނުން ދީފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށާއި، ދައުލަތުގެ އިދާރާތަކުން ރެކޯޑު ސާފުކުރުމާއި އެހެނިހެން ލިޔެކިޔުންތައް ހަމަކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ މިދިޔަ ހަފްތާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ