އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން، އެ ޕާޓީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަކަށްފަހު މިއަދު ހެނދުނު އޮންލައިންކޮށް ފަށައިފިއެވެ. "ފަހި ވޯޓު" އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށްދާ މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 09:00 ގައެވެ. އަދި ވޯޓުލުން މިއަދު މެންދުރުފަހު 15:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
މި އިންތިޚާބު ފެށިގެން ކުރިއަށްދާއިރު، ވޯޓު ނަގާ ގޮތާމެދު ޕާޓީގެ ތެރޭގައި ވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވި ޑރ. އިކްރާމް އަބްދުއްސައްތާރު ވަނީ ވޯޓު ފޮށި ބަހައްޓައިގެން އިންތިޚާބު ބޭއްވުމަށް އެދިވަޑައިގެން މިމަހުގެ 11 ވަނަ ދުވަހު ސިޓީއެއްވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ ގަވާއިދު ތަންނުދޭކަމަށް ބުނެ އަދާލަތު ޕާޓީން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މިކަމާ ގުޅިގެން ޑރ. އިކްރާމް ވަނީ އިންތިޚާބުގެ ކަންކަން ދަނީ އިންސާފުވެރިކޮށް ނޫންކަމަށް ވިދާޅުވެ، އިންތިޚާބު ބޮއިކޮޓް ކުރައްވައި ކެންޑިޑޭޓުންގެ ލިސްޓުން ނަން ނަންގަވާފައެވެ.
ޑރ. އިކްރާމް ނެރުއްވި ބަޔާނުގައި ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ވޯޓު ފޮށި ބަހައްޓައިގެން މެންބަރުން ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ހައްގު މެންބަރުންނަށް ހޯދައިދިނުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުންވެސް ޕާޓީން ވަނީ އެ ފުރުސަތު ނުދިނުމަށް ނިންމާފައެވެ. އެހެންކަމުން އިންތިޚާބުގެ ކަންކަން ހިނގަމުންދަނީ ދެފުށްފެންނަ އަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އިކްރާމް ނަން އަނބުރާ ގެންދެވުމާއެކު، ދެން ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަނީ އެ ޕާޓީގެ ނައިބު ރައީސް ޝައިޚް މުހައްމަދު ޝިފާނެވެ. ޝައިޚް ޝިފާން މި އިންތިޚާބުގައި ވާދަކުރައްވަނީ ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އާއި ޝައިޚް އިލްޔާސް ހުސައިންގެ އިތުރުން ޝައިޚް އިޔާޒް އަބްދުއްލަތީފްގެ ތާއީދާއެކުގައި ކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ