ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތުން ގުޅާލުމަށް ފެށި މަސައްކަތަކީ، ތަރައްގީގެ އަސްލު އިހުސާސް ރައްޔިތުންނަށް ކުރެވޭނެ އަދި އޭގެ މަންފާ ސީދާ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ބަދަލެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ދެކުނުގެ އަތޮޅުތައް ގުޅުވާލުމަށް އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އުމްރާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސްވުރު ހަގީގަތަކަށް ވެގެންދިޔަ ކަމެއް ކަމަށެވެ.
މިނިސްޓަރު އިހުސާން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރެވޭނެ ވަސީލަތްތައް ހުންނަތާ ޒަމާންތަކެއް ވެފައިވީ ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މި ޚިދުމަތް މީގެ ކުރިން ލިބިފައެއް ނުވެއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، ދިރިއުޅުމަށް ފަސޭހަވާނެ މަގުތައް ފަހިކޮށްދެއްވުމަށް ކުންފުނިތަކަށް އިރުޝާދު ދެއްވުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ޚިދުމަތް ފެށިގެން ދިއުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޚާއްސަކޮށް އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ ފަރާތްތަކަށް މީގެ ސަބަބުން ބޮޑު ލުއެއް ލިބިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ފެށުނު ސީޕްލޭންގެ ޚިދުމަތާއެކު ދެކުނުގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ސިފަކުރެއްވި ގޮތުގައި މިހާރު މި ގުޅާލެވުނީ ދެކުނުގެ "ޓޫރިޒަމް އިކޯ ސިސްޓަމް" އެވެ. މީގެ ސަބަބުން ދެކުނުގެ ހަތަރު އަތޮޅުގައި ފަތުރުވެރިކަން ފުޅާވެ، އިގުތިސާދީ ގޮތުންވެސް ސަރަހައްދަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
މޯލްޑިވިއަނުން މި ދަތުރުތައް ފަށާފައިވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ހުވަދު އަތޮޅުގެ ކާޑެއްދޫއާއި ކޫއްޑޫ ހިމެނޭހެން ފަސް ސެކްޓަރަކަށް ބަހާލައިގެންނެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 15 މީހުންގެ ޖާގައިގެ ޓްވިން އޮޓާ މަރުކާގެ ބޯޓުތަކެވެ. ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، ގަމާއި ފުވައްމުލަކާ ދެމެދު ކުރާ ދަތުރަކަށް 500 ރުފިޔާ ނަގާއިރު، ފުވައްމުލަކުން ކޫއްޑޫ އަދި ކާޑެއްދޫއަށް ކުރާ ދަތުރުތަކުގެ އަގަކީ 650 ރުފިޔާއެވެ. އަދި ގަމުން ކާޑެއްދޫއާއި ކޫއްޑޫއަށް ކުރާ ދަތުރުތަކުގެ އަގު ކަނޑައަޅާފައިވަނީ 900 ރުފިޔާއަށެވެ. މިއީ ދެކުނުގެ ރައްޔިތުންނަށް ވައިގެ މަގުން ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ