ކުންފުންޏެއްގެ އެކައުންޓުން ފައިސާ ވަގަށް ނެގި މައްސަލަ: 25،000 ރުފިޔާ ނަގައިދިންކަމަށް އެކަކު އިއުތިރާފުވެއްޖެ

ކުންފުންޏެއްގެ އެކައުންޓުން ފައިސާ ވަގަށް ނެގި މައްސަލަ: 25،000 ރުފިޔާ ނަގައިދިންކަމަށް އެކަކު އިއުތިރާފުވެއްޖެ

Author
ހުސައިން
30 ޖެނުއަރީ 2026 10:14
0

ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، ވިޔަފާރި ކުންފުންޏެއްގެ ބޭންކު އެކައުންޓަށް ވަދެ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު، އެ ފައިސާގެ ތެރެއިން ބައެއް ނަގައިދިންކަމަށް ކޯޓުގައި އެއްބަސްވެއްޖެއެވެ. މިދިޔަ ހޯމަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި 10 މީހުންގެ ތެރޭގައި ހިމެނޭ ގއ. ކަނޑުހުޅުދޫ، ފޫހިވާގޭ، ޢުމުރުން 42 އަހަރުގެ މުޙައްމަދު ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށްދީފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ސްކޭމްކޮށްގެން ކުންފުނީގެ އެކައުންޓުން އެކި މީސްމީހުންނަށް ފޮނުވި ޖުމްލަ 279،600 އަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން، މުޙައްމަދު ޢަލީގެ އެކައުންޓަށް 25،242.80 ރުފިޔާ ޖަމާވެފައިވެއެވެ. ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ މިކަމަށް އިއުތިރާފުވެ، އޭނާގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން އޭޓީއެމް މެދުވެރިކޮށް އެ ފައިސާ ނަގައި އެހެން މީހަކާ ހަވާލުކުރިކަމަށް ބުނެފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ތަޙުޤީޤަށް މީހުން ހައްޔަރުކުރަން ފަށާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. މި ގުރޫޕުން ފައިސާ ނަގާފައިވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ބޭންކު އެކައުންޓްގެ އެކްސެސް ހޯދައިގެންނެވެ.

މި މައްސަލައިގައި ޝާމިލްވާ މީހުން ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މާލެއިން ހަ މީހަކާއި، އައްޑޫ ސިޓީން ތިން މީހެއްގެ އިތުރުން ކ. ހިންމަފުށިން މީހަކު ހައްޔަރުކޮށްފައިވާއިރު، މީގެ ތެރޭގައި ކުށުގެ ރެކޯޑް އޮންނަ މީހުންވެސް ހިމެނެއެވެ. ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކީ ސީދާ އެމީހުންގެ އެކައުންޓަށް ފައިސާ ޖަމާކޮށް އެ ނަގާފައިވާ މީހުންނެވެ. އަދި އޭގެ ތެރެއިން އެކަކު ވަގަށް ނެގި ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް މުދާ ގަނެފައިވާއިރު، ބާކީ ތިބި ތިން މީހުންނަކީ އެކި މީހުން އޭޓީއެމްތަކަށް ގެންގޮސް، އެމީހުން މެދުވެރިކޮށް ފައިސާ ނެގުމަށްފަހު އެ ފައިސާއާ ހަވާލުވި މީހުން ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.