އަދާލަތު ޕާޓީގެ އަލަށް އިންތިޚާބުކުރާ ރައީސްގެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެމަޤާމަށް ކުރިމަތިލައްވާނެކަމުގެ އިޝާރާތެއް މިހާތަނަށް އަލީ ޒާހިރު ދެއްވާފައި ނުވެއެވެ. އަލީ ޒާހިރަކީ އަދާލަތު ޕާޓީ އުފެދުނީއްސުރެ އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އަދާލަތު ޕާޓީގެ ރައީސްގެ މަޤާމާއި ގުޅޭ ގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، އަލީ ޒާހިރަކީ ވަރަށް ހިކުމަތްތެރި ކަމާއި ރޭވުންތެރި ކަމާއިއެކީ ކަންކަން ކުރައްވާ ހަރުދަނާ ބޭފުޅެއް ކަމަށެވެ. އަދި އަދާލަތުގެ ރައީސްކަމުގެ މަޤާމަށް އެންމެ ގާބިލް އެއްބޭފުޅަކީވެސް އަލީ ޒާހިރު ކަމަށް ރައީ ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑަށް ފެންނަ ފެނުމުގައި ޕާޓީގެ އަލަށް އިންތިޚާބު ކުރާ ރައީސް އަކަށް، ރައީސް އޮފީސްގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު. ވަރަށް އެކަށީގެންވޭ، ހިކުމަތްތެރި ކަމާއި ރޭވުންތެރިކަން ގެންގުޅުއްވާ ބޭފުޅެއް، ކާމިޔާބީއަށްއެދެން. ޢިންޝާ ﷲ
– ރާއީ ވިދާޅުވިއެވެ.
ރައީ އަކީ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީގެ މިހާރުގެ ރައީސް ޝައިހު އިމްރާން އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. ދާއިރާގެ އެކި ކަންކަން ކުރުމުގައި މިނިސްޓަރ އިމްރާނަށް އެކަށިގެންވާ މަސައްކަތްތަކެއް ނުކުރެވޭތީ މަޤާމުން އިސްތިއުފާ ދެއްވުމަށްވެސް ރައީ ގޮވާލާފައިވެއެވެ. ނަމަވެސް ފަހުން ރާއީ އެދުނު ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަ ދެއްވުމަށް އިމްރާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވެއެވެ.
އަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމަށް އަންހެނުންނަށްވެސް ވާދަކުރެވޭ ގޮތް ހަދައި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގައެވެ. އަދާލަތި ޕާޓީން ބުނީ ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން ފަސްކޮށްފައިވަނީ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބަދަލު ގެނެސްފައިވާތީ ކަމަށެވެ. އަދި ޕާޓީގެ އިސް ދެ މަޤާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މިހާރު އެފުރުސަތު އަލުން ހުޅުވާލާފައިވާކަމަށެވެ. އަދާލަތު ޕާޓީން ބުނީ ޕާޓީގެ ރައީސާއި ނާއިބު ރައީސަށް ކުރިމަތިލާން ބޭނުންވާ ފަރާތަކުން މިމަހުގެ 17 ވަނަދުވަހުގެ 14:00ގެ ކުރިން އެކަމަށް ބޭނުންވާ ލިޔުންތައް ހުށައަޅަންޖެހޭކަމަށެވެ.
ކޮމެންޓު ފޮނުވާ