ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސަސް އަތުން މޮޅުވެ މާޒިޔާ ލީގު ތާވަލުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް މިއަދު ހަވީރު މާޒިޔާ މޮޅުވީ 3-0 ލަނޑުންނެވެ. ސަސް ކޮޅަށް މާޒިޔާގެ ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މާޒިޔާ އިން މެޗުގައި ލީޑު ނެގީ 17 ވަނަ މިނެޓުގައި މުހައްމަދު އުމެއިރު އޭރިޔާ ބޭރުން ވައްދާލީ ހިލޭ ޖެހުމަކުންނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުރި ފައުލަކަށް ލިބުނު މި ހިލޭޖެހުން އުމެއިރު ވައްދާލީ ދިފާއަށް ތިބިކުޅުންތެރިންގެ މަތިމެއީން އަރިމަތީ ކަނަށެވެ.
މާޒިޔާގެ ދެ ވަނަ ލަނޑު ކޮނޭލިއަސް ޖެހީ އުމެއިރު ދިން ބޯޅަ ހޯދުމަށް ފަހު އޭރިޔާ ބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެފަހުން މެޗުގެ ތިން ވަނަ ލަނޑު އޭނާ ޖެހީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެހީތެރިކަމާ އެކު ކީޕަރު ކައިރިން ކަޓުވާލުމަށް ފަހު އެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ހަތަރު ވަނަ ލަނޑެވެ. މެޗުގެ 82 ވަނަ މިނެޓުގައި ފޭދޫ އިއްބެ އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ހަމްޕު ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ހުސްކޮށް އޮވެ ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިންނެވެ.
މިނަތީޖާއެކުފަސް މެޗުން ހޯދި 11 ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތީ ކްލަބް ވެލެންސިއާ އެވެ. މާޒިޔާ އަށް ފައިދާ 13 ގޯލު އޮތްއިރު ވެލެންސިއާ އަށް ފައިދާ އޮތީ ހަތް ގޯލެވެ.
ކޮމެންޓު ފޮނުވާ