ސީރިއާގެ އާ ރައީސް އަހުމަދު އަލް-ޝަރާޢު ރަޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، އެ ގައުމުގެ ރައީސް ލެޑިމިއަ ޕުޓިންއާ ބައްދަލުކުރައްވައި، ސީރިއާގައި ޤާއިމުކޮށްފައިވާ ރަޝިއާގެ އަސްކަރީ ބާރުތައް މުސްތަގުބަލުގައިވެސް ދެމެހެއްޓުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މޮސްކޯގައި ބޭއްވުނު މި ބައްދަލުކުރެއްވުމަކީ ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައުމަށްފަހު، ރައީސް ޝަރާޢު ރަޝިއާއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.
މި ބައްދަލުވުމުގެ ތެރެއިން ދެ ލީޑަރުން ވަނީ ސީރިއާގެ ސަރަހައްދީ ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ރައީސް ޝަރާޢު ވަނީ ސީރިއާގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް ރަޝިއާއިން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ޕުޓިން ވަނީ ސީރިއާގެ މަސްރަހު ފިނިކޮށް، ގައުމު ހަމަޖެއްސުމަށް ޝަރާޢު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވައި، ރަޝިއާގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް އަމާޒަކަށް ވެގެންދިޔައީ، ސީރިއާގެ އައްސޭރިފަށުގައިވާ ރަޝިއާގެ މައި ދެ އަސްކަރީ މަރުކަޒު ކަމަށްވާ "ހުމައިމީމް އެއާބޭސް" އާއި "ތަރްތޫސް ނޭވަލް ބޭސް" ގެ މުސްތަގުބަލު ކަށަވަރު ކުރުމެވެ. މި ދެ މަރުކަޒަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ ސަރަހައްދުން ބޭރުގައި ރަޝިއާގެ އަސްކަރީ ބާރުވެރިކަން މިވަގުތު އޮތް ހަމައެކަނި މަރުކަޒުތައް ކަމަށްވުމާއެކު، މިއީ ރަޝިއާއަށް ވަރަށް މުހިންމު ތަންތަނެވެ. މީގެ އިތުރުން، މި ބައްދަލުވުމުގެ ކުރިން ރަޝިއާއިން ވަނީ ސީރިއާގެ އިރުއުތުރުގައި އޮންނަ ޤާމިޝްލީ އެއާޕޯޓުގައި ތިބި އެ ގައުމުގެ ސިފައިން އަނބުރާ ގެންގޮސްފައިކަން ފާހަގަކޮށްލެވެއެވެ.
ރަޝިއާއާއެކު އޮތް ގުޅުން ބަދަހިކުރައްވަމުން ގެންދަވާއިރު، ރައީސް ޝަރާޢު ގެންދަވަނީ ހުޅަނގުގެ ބާރުތަކާއެކުވެސް ގުޅުން އުފެއްދުމަށް މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އެގޮތުން އެމެރިކާގެ ޓްރަމްޕްގެ ސަރުކާރާއެކު ސްޓްރެޓީޖިކް ގުޅުމެއް ބިނާކުރުމަށް ސީރިއާގެ އާ ސަރުކާރުން މަސައްކަތްކުރަމުންދާކަންވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ