ކައުންސިލް އިންތިހާބަށް ފޯމު ހުށަހަޅާ ވަގުތު އިތުރުކޮށްފި: އެމްޑީޕީގެ ގޮވާލުމަށް އީސީން ދިނީ އިތުރު ގަޑިތަކެއް

ކައުންސިލް އިންތިހާބަށް ފޯމު ހުށަހަޅާ ވަގުތު އިތުރުކޮށްފި: އެމްޑީޕީގެ ގޮވާލުމަށް އީސީން ދިނީ އިތުރު ގަޑިތަކެއް

Author
ހުސައިން
28 ޖެނުއަރީ 2026 03:57
0

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާން ކައިރިވެފައިވަަނިކޮށް، އިދިކޮޅު އެމްޑީޕީން މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޯމު ބަލައިގަންނަ ވަގުތު އިތުރުކޮށްދީފިއެވެ. އީސީން މި ބަދަލު ގެނެސްފައިވަނީ އިންތިހާބަށް ކުރިމަތިލުމަށް އިތުރު 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެމްޑީޕީން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އީސީން ނިންމީ ދުވަސް އިތުރުކުރުމުގެ ބަދަލުގައި، ކޮންމެ ދުވަހަކުވެސް ފޯމު ހުށަހެޅުމަށް ލިބޭ ވަގުތު އިތުރުކޮށްދިނުމަށެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި މި ގެނައި ބަދަލާއެކު، ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހެނދުނު 08:30 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ލިބިގެންދާނެއެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ރޭގަނޑު 20:00 އަށް ފޯމު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއީ ކުރިން ކަނޑައަޅާފައިވާ ވަގުތަށްވުރެ ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް ދެ ގަޑިއިރުގެ އިތުރުވުމެކެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި ހިނގާ މަހުގެ 17 ވަނަ ދުވަހުއެވެ. ކުރިން އޮތް ގޮތުންނަމަ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 އެވެ. ނަމަވެސް ވަގުތަށް މި ގެނައި ބަދަލާއެކު، ސުންގަޑި ހަމަވާން ބާކީ ހަތަރު ދުވަހަށް ވެފައިވާއިރު، ކެންޑިޑޭޓުންނަށް ލިޔެކިޔުންތައް ހަމަކޮށް ހުށަހެޅުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މި ފަހަރުގެ އިންތިހާބުގެ ޚާއްސަ ކަމަކީ، ކެންޑިޑޭޓުންގެ ހުރިހާ މުއާމަލާތެއް ޑިޖިޓަލްކޮށް ކުރިއަށް ގެންދިއުމެވެ. އެގޮތުން އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި، ލިޔެކިޔުންތަކުގެ އިތުރުން އިދާރީ ފީ ދެއްކުމުގެ ކަންކަންވެސް ކުރިއަށް ގެންދަންޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި ކެންޑިޑޭޓުން ހުށަހަޅާ ހުށަހެޅުންތަކާމެދު ކޮމިޝަނުން ނިންމާ ގޮތްތަކާއި، އަންގަންޖެހޭ އެންގުންތައް ވެސް އަންގަމުން ގެންދާނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.