އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވައި، ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ބަލައިގަނެ، އެކަމުގެ އަގުވަޒަން ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް މުއިއްޒު ވަނީ ވަކިވަކިން ސިޓީފުޅު ފޮނުއްވާފައެވެ. ރައީސް މުރްމުއަށް ފޮނުއްވި މެސެޖުގައި، ދެ ގައުމުގެ ދެމެދުގައި އޮތް 60 އަހަރަށްވުރެ ގިނަ ދުވަސްވީ ޒަމާނީ ގުޅުމުގެ ބިންގަލަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިޙުތިރާމާއި އިތުބާރުކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ބޮޑުވަޒީރު މޯދީއަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، ދެ ގައުމުގެ ގުޅުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ޢަމަލީގޮތުން ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ސަރަޙައްދީ ފެންވަރުގައި ބޮޑުވަޒީރު މޯދީ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ތައުރީފު ކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޢަޒުމް ރައީސް ވަނީ އާކުރައްވާފައެވެ.
ރަސްމީ ސިޓީފުޅުތަކުގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ރައީސް ވަނީ ޝުއޫރު ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ޑިމޮކްރަސީއާއި، މިނިވަންކަމާއި އަދި ހެޔޮ ވެރިކަމުގެ އަސާސްތައް އެ ގައުމުން ނަގަހައްޓާ މިންވަރު ރަމޒުކޮށްދޭ ދުވަހެކެވެ. ކޮންމެ އަހަރެއްގެ ޖަނަވަރީ 26 ވަނަ ދުވަހަކީ 1950 ވަނަ އަހަރު އިންޑިއާގެ ގާނޫނު އަސާސީ ވުޖޫދަށް އައިސް، އެ ގައުމު ޖުމްހޫރިއްޔަތަކަށް ބަދަލުވި ތާރީޚީ ދުވަހެވެ.
މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ހިންގި ވަރުގަދަ ކެމްޕޭނާއި، ވެރިކަމުގެ ކުރީކޮޅު ސަރުކާރުގެ ބައެއް އިސްވެރިން އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ބުރޫއަރައިގެން ދިޔައެވެ. ނަމަވެސް، ފަހަކަށް އައިސް ރައީސް މުއިއްޒުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން މި ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކުރައްވާފައެވެ. މިގޮތުން ރައީސް މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރުވެސް ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ. މިއަދު ފޮނުއްވި މެސެޖުތަކުންވެސް ދޭހަވަނީ، މާޒީގައި ހިނގާދިޔަ ކަންކަމަށްވުރެ ބޮޑަށް، ޑިޕްލޮމެޓިކް ގުޅުން ހަރުދަނާކޮށް ކުރިއަށް ވަޑައިގަތުމަށް ދެ ގައުމުންވެސް އިސްކަންދޭ ކަމެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ އިންޑިއާގެ ވެރިންނަށް ދުޅަހެޔޮކަމާއި، އެ ގައުމުގެ ރައްޔިތުންނަށް ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ކޮމެންޓު ފޮނުވާ