ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް ނެގުމަށް ޕާސްޕޯޓާއި ލައިސަންސް ވެސް ބޭނުންކުރެވޭނެ

ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް ނެގުމަށް ޕާސްޕޯޓާއި ލައިސަންސް ވެސް ބޭނުންކުރެވޭނެ

Author
ހުސެއިން
25 ޖެނުއަރީ 2026 09:50
0

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ދޫކުރުމުގައި، ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި، އައިޑީ ކާޑުގެ އިތުރުން އީ-ފާހާއި، ޑްރައިވިންގ ލައިސަންސް އަދި ޕާސްޕޯޓް ވެސް ބަލައިގަންނަ ގޮތަށް ހަމަޖައްސަވައިފިއެވެ. މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.

މިނިސްޓްރީއާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ރޭ 8:30 ގައި ފަށާފައިވާއިރު، ރޭގަނޑު 11:00 އާ ހަމައަށް ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި އަދި ހުޅުމާލެ) ގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން ޖުމްލަ 4،196 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަސްދަޅު ކޭސް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުންނެވެ. އެތަނުގެ 4 ކައުންޓަރަކުން 783 ކޭސް ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިނިސްޓަރ އާދަމް ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެގޮތް ހެދުމުގެ ގޮތުން އައިޑީކާޑުގެ އިތުރުން ރަސްމީ އެހެން ލިޔެކިޔުންތައް ކަމަށްވާ އީ-ފާސް، ޕާސްޕޯޓު އަދި ލައިސަންސް ދެއްކުމުން ވެސް ހަދިޔާ ލިބޭނެ ކަމަށެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނަށާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ތަންތަނުގެ ތެރޭގައި މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލު، ހެންވޭރު ދަނޑު އަދި ގަލޮޅު ދަނޑުގެ ގޭޓް 2 އާއި 3 ހިމެނެއެވެ. ހުޅުމާލެ ފޭސް 1 ގައި ޢުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ ޓަވަރ އަދި މުޙައްމަދު ޤާސިމް ޕްރީސްކޫލުން ދޫކުރަމުންދާއިރު، ފޭސް 2 ގައި ކާމިލުދީދީ ސްކޫލާއި، ހިޔާޓަވަރު 10 އަދި އެމްޕީއެލް ޓަވަރު ޕީ ގެ ގްރައުންޑް ފްލޯއިން މި ޚިދުމަތް ލިބޭނެއެވެ.

ރޯދަ ހަދިޔާ ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 24 އިން ފެށިގެން ފެބްރުއަރީ 11 ގެ ނިޔަލަށެވެ. މި މުއްދަތުގައި ހުކުރު ދުވަހުގެރޭ ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށް މި މަރުކަޒުތަކުން ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ހަދިޔާ ލިބިގަތުމުގައި އެއްވެސް ދަތިކަމެއް ނުވަތަ ޝަކުވާއެއް އޮތްނަމަ، ޓެލެގްރާމް މެދުވެރިކޮށް 7741446 ނަންބަރަށް މެސެޖުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.