ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އަނެއްކާވެސް އިއުލާންކޮށްފިއެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލީ ތިން ވަނަ ފަހަރަށެވެ.
މިދިޔަ އަހަރުގެ އޮގަސްޓާއި ޑިސެމްބަރު މަހުވެސް މި ހިދުމަތް ދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާންކޮށްފައިވާއިރު، މިހާތަނަށް އެފަދަ ބަޔަކު ނުލިބިފައިވާތީ އަލުން ފުރުސަތު ހުޅުވާލާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ޓޫރިސްޓް ފެސިލިޓީތަކާއި އެއާޕޯޓްތަކާ ދެމެދު ފަތުރުވެރިން އުފުލުމާއި، ރިސޯޓުތަކާ ދެމެދު ފަތުރުވެރިންގެ ދަތުރުފަތުރުގެ އިތުރުން ދިވެހިންނަށްވެސް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭން ޖެހޭނެކަމަށް ކުރި އިއުލާނުގައިވެއެވެ. މި ހިދުމަތުގައި ބޭނުންކުރާ ހެލިކޮޕްޓަރުތަކަކީ 8 އަހަރުވެފައިނުވާ ހެލިކޮޕްޓަރުތަކަކަށް ވާންޖެހޭނެކަމަށާއި، ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔުއަށް މަދުވެގެން އެއް ހެލިކޮޕްޓަރު ހާއްސަކޮށްފައި އޮންނަންވާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ހިދުމަތް ދޭ ފަރާތުން ކޮންމެ މަހަކު 80 ގަޑިއިރާއި 150 ގަޑިއިރުގެ ހިދުމަތް ހިލޭ ސަރުކާރަށް ކޮށްދޭން ޖެހޭނެކަމަށްވެސް ޓްރާންސްޕޯޓުން ބުނެއެވެ.
ކޮމެންޓު ފޮނުވާ