ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ޖަލްސާ ބާއްވަނީ އަންނަ މަހުގެ 12 ގައި: އެމްޑީޕީ

ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ޖަލްސާ ބާއްވަނީ އަންނަ މަހުގެ 12 ގައި: އެމްޑީޕީ

Author
ހުސައިން
22 ޖެނުއަރީ 2026 07:30
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމުގެ ބޮޑު ޖަލްސާ އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކައުންސިލް އިންތިހާބަށް އެ ޕާޓީން ކަނޑައަޅާފައިވާ ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދެވެ.

އަބްދުﷲ ވަހީދު ވިދާޅުވި ގޮތުގައި ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާއަށް ވާންޖެހޭ ތައްޔާރީތައް އެ ޕާޓީން މިހާރު ދަނީ ވަރަށް ބާރަށް ކުރަމުންނެވެ. މީގެ އިތުރުން އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި އެމްޑީޕީގެ ކެމްޕެއިން ޓީމުތައް އެކުލަވާލުމުގެ މަސައްކަތްތައް ވެސް ފަށައިގެން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ ސަރުކާރުން ކައުންސިލްތަކަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކަށް ރައްދު ދީ، ސަރުކާރަށް ފާޑުކިޔާފައެވެ. އެގޮތުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައިވަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުނެއެވެ. މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، މަޝްރޫއުތައް ހުއްޓިފައިވަނީ ސަރުކާރުން ހަމަޖައްސަންޖެހޭ ބަޖެޓާއި އިންތިޒާމުތައް ހަމަނުޖެހިގެން ކަމަށެވެ. އަދި ސަރުކާރުން އަމިއްލައަށް ކަންކަން ނިންމައި ބިންގާ އެޅުމަށްފަހު، މަސައްކަތް ލަސްވަނީ ކައުންސިލްތަކުން ބިން ނުދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމަކީ ހަގީގަތާ ޚިލާފު "މަޖާ" ވާހަކައެއްގެ ގޮތުގައި ނިޔާޒު ސިފަކުރެއްވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 294،937 އެވެ. އޭގެ ތެރޭގައި 150،410 ފިރިހެނުންނާއި 144،527 އަންހެނުން ހިމެނެއެވެ. މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި އެކި ސަރަހައްދުތަކުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.