ރަމަޟާން މަހު ސްކޫލުތަކުގައި ކިޔަވައިދޭނީ ހަމައެކަނި ފުރަތަމަ ހަފްތާގައި

ރަމަޟާން މަހު ސްކޫލުތަކުގައި ކިޔަވައިދޭނީ ހަމައެކަނި ފުރަތަމަ ހަފްތާގައި

Author
އަހުމަދު
22 ޖެނުއަރީ 2026 04:59
0

ކުރިއަށް އޮތް ރަމަޟާން މަހު ސްކޫލުތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ފުރަތަމަ ހަފްތާގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ދިރާސީ އައު އަހަރުގެ އެކަޑަމިކް ކަލަންޑަރުން ހާމަވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސްކޫލުތައް ބޮޑު ޗުއްޓީއަށް ބަންދުވުމަށްފަހު، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ތާވަލުކޮށްފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ކިޔެވުން ފެށުމަށްފަހު ފުރަތަމަ ކުރިއަށް ގެންދާނީ އެއް މަސް ދުވަހުގެ ކިޔެވުމެވެ. މި މުއްދަތުގެ ފަހު ހަފްތާއަކީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ގޮތުގައި އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ހާއްސަކޮށްފައިވަނީ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ޕީޑީ) ގެ ހަރަކާތްތަކަށެވެ. އެހެންކަމުން އެ ހަފްތާގައި ދަރިވަރުން ސްކޫލަށް ހާޒިރުވާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން، މާޗް 9 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައެއް ފެށޭއިރު، ސަރުކާރުން އެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ ސްކޫލްތަކުގެ ކިޔެވުން އެ މުއްދަތުގައި ވެސް ނޯންނާނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާޗް 20 ވަނަ ދުވަހެވެ. އީދު ބަންދާއި ރޯދަ މަހުގެ ބަންދަށްފަހު ދަރިވަރުން އަލުން ސްކޫލަށް ނުކުންނަން ފަށާނީ މާޗް މަހުގެ 23 ވަނަ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.