ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތައް ޒީނަތްތެރިކޮށް މަރާމާތުކުރަން ފަށައިފި

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތައް ޒީނަތްތެރިކޮށް މަރާމާތުކުރަން ފަށައިފި

Author
ޙަސަން މުޙައްމަދު
21 ޖެނުއަރީ 2026 12:21
0

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި މާލެއާއި ހުޅުމާލޭގެ އެކި މިސްކިތްތަކުގައި މި މަސައްކަތްތައް މިހާރު ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ހުޅުމާލޭ މަސްޖިދުލް ޘާނީގައި ޚާއްސަ މައިޒާނެއް ތަރައްޤީކުރުމާއި، ހުޅުމާލޭ މަސްޖިދުލް ޚައްތާބުގެ ފުރާޅު މަރާމާތުކޮށް އާބާތުރަ ފިލުވުން ހިމެނެއެވެ. މީގެ އިތުރުން މިސްކިތްތަކުގެ އެތެރެއާއި ބޭރު ފެހިކޮށް ރީތިކުރުމަށްވެސް ކައުންސިލުން ވަނީ އިސްކަމެއް ދީފައެވެ. އެގޮތުން މާލޭގެ ތަޤްވާ މިސްކިތާއި، މާފަންނު އާ މިސްކިތް އަދި އިބްރާހިމީ މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދައި ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ހުޅުމާލޭ މަސްޖިދުލް މުޙައްމަދުގެ ތިރީބައިގެ ދޮރުތަކުގައި ޑިޒައިން ސްޓިކާ ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި ރޯދަ މަހަކީ ގިނަ ބަޔަކު އަޅުކަމުގައި ވަގުތު ހޭދަކުރާ މައްސަރަކަށް ވުމާއެކު، މިސްކިތްތަކަކީ ހިތްގައިމު އަދި ސާފުތާހިރު ތަންތަނުގެ ގޮތުގައި ބެހެއްޓުމަށް ކައުންސިލުން ޚާއްސަ ސަމާލުކަމެއް ދެއްވައެވެ. އެހެންކަމުން މަރާމާތުގެ މަސައްކަތްތަކުގެ އިތުރުން، މިސްކިތްތައް ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، ނަމާދުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކައުންސިލުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.