މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނިންމި ނިންމުމަކީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. މި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވެވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އަންވަރު ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އޭނާ ދޫކޮށްލުމަށް ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.
އަންވަރު ބަންދުން ދޫކޮށްލުމާއެކު އޭނާ ވަނީ ރާއްޖެ ދޫކޮށް ސްރީލަންކާއަށް ފުރައިގެން ގޮސްފައެވެ. ނަމަވެސް، ލަންކާއަށް އެތެރެވުމުގެ ހުއްދަ ނުލިބި، އެ ގައުމުން އޭނާ އަނބުރާ ފޮނުވާލުމުން، ރާއްޖެ އައުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ އަލުން ހައްޔަރުކޮށްފައެވެ.
އަލީ އަންވަރަކީ 2019 ވަނަ އަހަރު އިރާންގެ ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުލަތުން ދައުވާ އުފުލާފައިވާ ފަރާތެކެވެ. މިއީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހިމެނޭ އިސް ފަރާތެއް ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
ކޮމެންޓު ފޮނުވާ