ފުވައްމުލަކު ސިޓީގައި މޫދަށް އެރިއުޅެނިކޮށް ގެނބިގެން ނިޔާވި އަޙްމަދު ފައުޒާން ޙަސަން ވަކިވެގެން ދިޔައިރު، އޭނާގެ ވެފައިވާ ޤުރުބާނީން ޤައުމު ރޮއްވައިލާފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އަހުމަދު ފައުޒާން ހަސަން ގެނބުނީ، ގެނބުނު ދެކުއްޖަކު ސަލާމަތް ކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ. ބާރު އޮއިވަރުގެ ތެރެއަށް ފައުޒާން އާއި އޭނާގެ ރަހުމަތްތެރިޔަކު ފުންމާލީ ގެނބެމުން ދިޔަ 2 ކުދިން ސަލާމަތް ކުރުމަށެވެ. ފައުޒާން ވަކިވެގެން ދިޔައީ އެހެން ބައެއްގެ ފުރާނަ ސަލާމަތް ކުރަން ކުރި މަސައްކަތުގެ ތެރޭގައެވެ. ފައުޒާން ނިޔާވީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށެވެ.

ފައުޒާންގެ މި ހިތްވަރުގަދަ މަސައްކަތާއިއެކު ފައުޒާންގެ ފުރާނަ މިދުނިޔާއި ވަކިވެ ދިއުމަށް އިޝާރާތް ކުރައްވައި ރައީސް ޞާލިހު ވިދާޅުވީ ވަކިވެގެން ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައި ކަމަށެވެ. އަދި ފައުޒާންގެ ވަކިވުމަކީ މުޅި ޤައުމު ރޮއްވާލި ކަމެއްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
އަޙްމަދު ފައުޒާން އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައި. އޭނާގެ އެ ޤުރުބާނީން ޤައުމު ރޮއްވައިލާފައި. އަޅުގަނޑުގެ ދުޢާއަކީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން.
– ރައީސް ވިދާޅުވިއެވެ.
މީސް މީޑިއާގައި ފައުޒާން ނިޔާވުމާއި ގުޅިގެން އެންމެ ގިނަ ބަޔަކު ޝެއާ ކުރަމުން ގެންދާ އެއް ޕޯސްޓަކީ ފައުޒާން މީގެ ދެދުވަސް ކުރިން ފޭސްބުކްގައި ޝެއާ ކޮށްފައިވާ ޕޯސްޓެކެވެ. އެޕޯސްޓްގައި ބުނެފައި ވަނީ ކުއްލިއަކަށް އަހަރެންގެ މަރުގެ ޚަބަރު ލިބިއްޖެނަމަ އަހަރެންނަށް މާފުކޮށް، ތިބާގެ ހެޔޮ ދުއާގައި އަހަރެން ބައިވެރި ކޮށްދޭށެވެ.
ފައުޒާންގެ ކުއްލި މަރުގެ ޚަބަރާއިއެކު އެންމެން ވެސް ދަނީ އޭނާ އަށް ހެޔޮ ދުއާ ކުރަމުންނެވެ. އަދި އެންމެ ފަހު ވަގުތު ވެސް އޭނާ ދެއްކި ހިތްވަރު ވެސް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. މިޙާދިސާގައި ނިޔާވި ފައުޒާންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި ފައުޒާންގެ ލޮބުވެތި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި.
ކޮމެންޓު ފޮނުވާ