ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުން ގައުމަށް ފޮނުވާ 2 ބިލިއަން ރުފިޔާ އިތުރުކުރަން ގޮވާލައްވައިފި

ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުން ގައުމަށް ފޮނުވާ 2 ބިލިއަން ރުފިޔާ އިތުރުކުރަން ގޮވާލައްވައިފި

Author
ހުސައިން
19 ޖެނުއަރީ 2026 02:02
0

 

ރާއްޖޭގައި މަސައްކަތްކުރާ ސްރީ ލަންކާގެ މުވައްޒަފުންގެ ފަރާތުން އެ ގައުމަށް އަހަރަކު 129 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ) ލިބޭ ކަމަށާއި، މި އަދަދު އިތުރަށް މަތިކުރަން ޖެހޭ ކަމަށް ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ކުރީގެ ރައީސް ސުދޭޝް މެންޑިސް ވިދާޅުވެއްޖެއެވެ. ލަންކާގެ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި މެންޑިސް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ރާއްޖޭގައި ލަންކާގެ 21،000 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރެއިން ގިނަ މީހުން ހަރަކާތްތެރިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ތައުރީފު ކުރައްވަމުން އޭނާ ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގުބޮޑު މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށާއި، ރެއަކަށް 7،500 ޑޮލަރު ޗާޖުކުރާ ރިސޯޓުތައްވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އަލުން އިއާދަކޮށް، "ރަން ޒަމާން" އަނބުރާ ގެންނަން ޖެހޭކަމަށް މެންޑިސް ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އީސްޓާ ސަންޑޭގެ ހަމަލާތަކުގެ ކުރިން ލަންކާގައި 17،000 އެއްހާ ދިވެހިން ދިރިއުޅުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ 1،400 އަށް ދަށްވެފައެވެ. ދިވެހިން މަދުވުމުގެ ސަބަބުން ލަންކާގެ އިގުތިސާދަށް އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް މެންޑިސް ވިދާޅުވިއެވެ. އަދި މިކަމުގެ ޒިންމާ ނަގާނީ ކާކުތޯ ސުވާލު އުފައްދަވައި، ގުޅުން ބަދަހިކުރުމަށް ބިޒްނަސް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މެންޑިސް މިމޭރުމުން ވާހަކަދެއްކެވިއިރު، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައާއި އިމިގްރޭޝަންގެ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަން ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވަނީ ފާހަގަކުރައްވާފައެވެ. ސަފީރު ވިދާޅުވި ގޮތުގައި ލަންކާގެ އިމިގްރޭޝަން ކައުންޓަރުތަކުން ދިވެހިންނާ މެދު އަމަލުކުރަނީ ވަރަށް އިހާނެތިކޮށެވެ. ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 ޖަހަންދެން ދިގު ކިއުތަކުގައި ދިވެހިން ތިބެން ޖެހޭއިރު، ހަމައެކަނި ލަންކާއަށް ދާ ދޮން މީހުންނަށް އިސްކަންދީގެން ވިސާ ދޫކުރަމުންދާ ކަމާމެދު ސަފީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.