"ބަލްމާ 6″ ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ

"ބަލްމާ 6″ ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ

Author
ހުސައިން
19 ޖެނުއަރީ 2026 10:41
0

މުދާ އުފުލާ ދޯންޏެއް ކަމަށްވާ "ބަލްމާ 6″ ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާ ހިނގިތާ 24 ގަޑިއިރު ވެގެން ދިޔައިރު ވެސް، އެ ހާދިސާގައި ގެއްލުނު ބިދޭސީ މީހާގެ ހަބަރެއް ވެފައިނުވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ. ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިރިން މި ބޯޓު ބަންޑުން ޖަހާލިކަމުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހެނދުނު 07:27 ހާއިރުއެވެ. ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ބޯޓު ބަންޑުން ޖަހާލުމާ ގުޅިގެން، އޭރު ދެ މީހަކު ގެއްލިގެން ހޯދަން ފެށިއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބިދޭސީއެކެވެ.

ގެއްލުނު ދެ މީހުންގެ ތެރެއިން ދިވެހި މީހާގެ ހަށިގަނޑު ފަހުން ވަނީ ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިން ފެނިފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ބ. ހިތާދޫ، އުމުރުން 60 އަހަރުގެ އަލީ ހުސައިންނެވެ. އޭނާގެ ހަށިގަނޑު ފެނުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަލީ ހުސައިން އަކީ އޭނާގެ މުޅި އުމުރު ކަހަލަ ގޮތަކަށް ކަނޑުމަތީގައި ހޭދަކޮށްފައިވާ، އަދި ކަނޑުދަތުރުކުރުމުގެ ދާއިރާގައި ނުހަނު ތަޖުރިބާކާރު ކެޕްޓަނެއްކަން ފާހަގަކޮށްލެވެއެވެ.

މި ހާދިސާގައި ގެއްލުނު ބިދޭސީ މީހާއާ ގުޅޭގޮތުން މިއަދު މީޑިއާއިން ސުވާލު ކުރުމުން އެމްއެންޑީއެފުން ބުނީ، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އޭނާ ފެނިފައިނުވާ ކަމަށެވެ. ކަނޑުމަތީގެ ނުރައްކާތެރި މިފަދަ ގިނަ ހާދިސާތަކެއް ފާއިތުވި އަހަރުގެ ތެރޭގައި ވެސް ހިނގާފައިވާއިރު، އޭގެ ތެރެއިން ބައެއް ހާދިސާތަކުގައި ގެއްލުނު މީހުން މިއަދާ ހަމައަށް ވެސް ފެނިފައިނުވާކަން ހިތާމަޔާއެކު ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.