ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ތެރަޕީތަކަށް މިދިޔަ މަހު 7.5 މިލިއަން ރުފިޔާ ޚަރަދުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ތެރަޕީތަކަށް މިދިޔަ މަހު 7.5 މިލިއަން ރުފިޔާ ޚަރަދުކޮށްފި

Author
ޙަސަން މުޙައްމަދު
19 ޖެނުއަރީ 2026 10:40
0

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު ތެރަޕިއުޓިކް ފަރުވާތައް ހޯދުމަށް ފާއިތުވި ޑިސެންބަރު މަހު އެކަނިވެސް ދައުލަތުން ވަނީ 7.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

މިދިޔަ މަހު މި އެހީ ފޯރުކޮށްދީފައިވަނީ ޖުމްލަ 231 ފަރާތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ 159 ފިރިހެނުންނާއި 72 އަންހެނުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި އެހީ ލިބުނު ފަރާތްތަކުގެ ތެރޭގައި ނިސްބަތުން ގިނައީ 18 އަހަރުން ދަށުގެ ކުޑަކުދިން ކަމަށް ވުމެވެ. އެގޮތުން 18 އަހަރުން ދަށުގެ 221 ކުއްޖަކަށް އެހީ ދީފައިވާއިރު، 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން އެހީ ލިބިފައިވަނީ 10 ފަރާތަކަށެވެ.

ފަރުވާތަކަށް ހިނގި ޚަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އޮކިއުޕޭޝަނަލް ތެރަޕީއަށެވެ. އެ ފަރުވާއަށް 2.15 މިލިއަން ރުފިޔާ ހޭދަކުރިއިރު، ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ބިހޭވިއާ ތެރަޕީއަށެވެ. އެއީ 2.11 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ސްޕީޗް ތެރަޕީއަށް 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި އެޑިއުކޭޝަނަލް ތެރަޕީއަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި މައިގަނޑު ފަރުވާތަކުގެ އިތުރުން ސައިކޯ ތެރަޕީއަށް ދެ ލައްކަ ސާޅީސް ހާހަށްވުރެ ގިނަ ރުފިޔާ، ފިޒިއޯ ތެރަޕީއަށް ނަވާރަ ހާހަށްވުރެ ގިނަ ރުފިޔާ އަދި އާލީ އިންޓަވެންޝަނަށް ހަތްދިހަ ހަ ހާސް ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ރެކޯޑުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.