މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓާއި ގޯތީގެ މަސައްކަތްތައް މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމައި، ޙައްޤުވެރިންނަށް ހަވާލުކުރާނެކަމުގެ ޔަގީންކަން ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ދެއްވައިފިއެވެ. މި މަޝްރޫޢުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ 2008 ވަނަ އަހަރުގެ ފަހުން އައި އެއްވެސް ސަރުކާރަކަށް، އެ ސަރުކާރަކުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ނިންމައި ރައްޔިތުންނާ ހަވާލުކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކުރައްވާނެ ކަމަށާއި، މިހާރު އިޢުލާނުކޮށްފައިވާ 7،900 ފްލެޓުގެ މަޝްރޫޢަކީ ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ބީއެމްއެލް، އިންޑިއާ ސަރުކާރު އަދި ސައުދީ ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތައް ހިމެނެއެވެ.
މި ސްކީމްގެ ދަށުން ޖުމްލަ 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ދައުރުގެ ތެރޭގައި ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، އިން ވަކިކޮށް ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނަށްވެސް ކުރިމަތިލެވޭނެ ގޮތަށް އުސޫލު ވަނީ ކަނޑައަޅާފައެވެ.
"ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާޗު 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންގެ އިތުރުން، ދައުލަތުގެ މުވައްޒަފުންނާއި، އެކަނިވެރި މައިންބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފަދަ ޚާއްސަ ކެޓަގަރީތަކަށް ވަކި އަދަދެއް ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ