އިންޑޮނޭޝިއާގެ ޔޯގްޔަކާޓާއިން ފުރައިގެން ސުލަވެސީ އައިލެންޑްގެ މަކަސަރު ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް އިއްޔެ ގެއްލުނު މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން ދިޔަ ނަމަވެސް، އަދިވެސް އެ ބޯޓުގެ ހަބަރެއް ވެފައިނުވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އޭޓީއާރް 42-500 މަރުކާގެ މި ބޯޓު ގެއްލުނުއިރު އޭގައި ޖުމްލަ 11 މީހުން ތިބިކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި އެ ގައުމުގެ ސަރުކާރުގެ 3 އޮފިޝަލުންނާއި، ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 7 މީހަކު ހިމެނެއެވެ.
މި މަތިންދާބޯޓަކީ އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް މެރިން އެފެއާސް އެންޑް ފިޝަރީޒް އިން ޗާޓަރުކޮށްގެން ދަތުރުކުރި، އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓުން އޮޕަރޭޓްކުރާ ބޯޓެކެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މަކަސްސާރުގެ އޮޕަރޭޝަންސް ޗީފް، އަންޑީ ސުލްތާން ވިދާޅުވި ގޮތުގައި ބޯޓާއި އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑިފައިވަނީ ދެކުނު ސުލަވޭސީ ޕްރޮވިންސްގެ މަރޯސް ސަރަހައްދުންނެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ވަކި ސަބަބެއް އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ބޯޓު ވެއްޓުނު ކަމަށް ލަފާކުރެވޭ ފަރުބަދަމަތީ ސަރަހައްދުގައި ސިފައިންނާއި ރެސްކިއު ޓީމުތައް ހިމެނޭހެން 400 އަށްވުރެ ގިނަ މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެހެންނަމަވެސް، އެ ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ، އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ