އިދިކޮޅު ކޯލިޝަން ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ދައުވާގެ މައްޗަށް ދައުވާ ކުރިޔަސް ސިހޭނެ ބޭފުޅެއްނޫން ކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓަށް ހާޒިރުމަށް އަބްދުއްރަހީމަށް ފޮނުވާފައިވާ ޗިޓާއިއެކު ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަބްދުއްރަހީމަކީ ސިޔާސީ ގޮތުން މިގޮތަށް ދައްކާ ބިރަށް ފަސްޖެހި ކުރަމުންދާ މަސައްކަތް ހުއްޓާލާނެ ބޭފުޅެއް ނޫންކަމަށެވެ. ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނަވައިގެން އަބްދުއްރަހީމް މިވަގުތު ކުރައްވަމުންދާ މަސައްކަތްޕުޅަކީ ވަރަށް ސާބިތުކަމާއި، ނުގުޑާފަދަ އަޒުމެއްގައި ހުންނަވައިގެން ކުރައްވަމުންދާ މަަސައްކަތް ތަކެއް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ކުރެވޭ މަސައްކަތުގައި ކިތަންމެ ދައުވާއެއް އިދިކޮޅު ލީޑަރުންނާއި، އިދިކޮޅުގައި ހަރަކާތްތެރިވާ މީހުންނަށް ކުރިނަމަވެސް ރައީސް ޔާމީން މިނިވަންކޮށް، ސަރުކާރު ޒިންމާދާކު ކުރުމަށް ކުރާ މަސައްކަތަށް ކުޑަވެސް ފަސްޖެހުމެއް ނެތްކަމަށެވެ. ކުރިއަށް އޮތްތާގައިވެސް މިމަަސައްކަތުގައި ސާބިތުވެ ތިބޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގެވުމާއި ހަވާލުވެގެން ހުންނެވި ޕީއެންސީގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ނުގުޑާފަދަ އަޒުމެއްގައި ހަރުދަނާ ޝަހުސިއްޔަތެއްގެ މަތީގައި ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއިއެކު ހުންނެވި ވަރުގަދަ ލީޑަރެއް. ދައުވާ މައްޗަށް ދައުވާ ކުރިޔަސް ނުސިހޭނެ.
– ޝިޔާމް ވިދާޅުވިއެވެ.
PPM-PNC Coalition hingevuma havaaluvevadaigen hunnevi PNC ge Raees Abdulraheem Abdulla @Banafsaa akee nugudaa fadha azumehgai harudhana siyaasathuthakehge mathee Raees Yameenge fahaipulhugai saabithukamai eku hunnevi varugadha leadereh. Dhauwa mahchah dhauwa kuriyas nusiheyne IA pic.twitter.com/LhwjuL9MXH
— Ahmed Shiyam (@Shiyamaldives) January 10, 2021
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް ދަޢުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށައަޅަައިފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އަބްދުއްރަހީމްގެ މައްސަލައިގެ ފުރަތަމަ އަޑު އެހެން ޝެޑިއުލް ކޮށްފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 9:00 އަށެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އަބްދުއްރަހީމްގެ މައްޗަށް ދައުވާކުރަނީ ޤާނޫނުލް އުޤޫބާތުގެ 615 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުންކަމަށެވެ. އެމާއްދާގައި ވަނީ އާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުމުގެ ކުށްތަކެވެ. އެގޮތުން އެމާއްދާގެ ތިންވަނަ ނަންބަރުގައި ބުނެފައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުރުމުގެ ކުށެވެ. އެއީ ޖުނަޙްގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މިކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ.
އަބްދުއްރަހީމްގެ މައްޗަށް މިދަޢުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.
އެދުވަހު ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށައަޅާފައި ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.
ކޮމެންޓު ފޮނުވާ