ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިރިއަށް މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، އޭގެިން ދަތުރުކުރި ދެ މީހަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި ބަންޑުން ޖަހާލާފައިވަނީ "ބަލްމާ 6″ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމްލަ ހަތަރު މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް ބޯޓުން ދަތުރުކުރި އަނެއް ދެ މީހުން ވަނީ ގެއްލިފައެވެ. މި ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކުން މިހާރު އަންނަނީ އެ ސަރަހައްދުގައި ކުރަމުންނެވެ.
ކަނޑުމަތީގެ މިފަދަ ނުރައްކާތެރި ހާދިސާތައް މި ފަހަކަށް އައިސް ހިނގަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން މީގެ ކުރިންވެސް ކޮޅުވެއްޓި ފަދަ އުޅަނދުތައް ބަންޑުން ޖަހާލައި، މީހުން ގެއްލުމާއި އަދި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާކަން ހިތާމަޔާއެކު ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓު ފޮނުވާ