އަތޮޅުތެރޭގެ 56 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށް، ޚިދުމަތް ފުޅާކޮށްފި

އަތޮޅުތެރޭގެ 56 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށް، ޚިދުމަތް ފުޅާކޮށްފި

Author
އަލީ ރައޫފް
18 ޖެނުއަރީ 2026 12:48
0

އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، 56 ރަށަކަށް ސަރުކާރުން އައު އެމްބިއުލާންސް ހަވާލުކޮށްފިއެވެ. ސިއްހީ ވުޒާރާގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރަށްރަށުގެ މަންދޫބުންނާ އެމްބިއުލާންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ސިއްހީ ވަޒީރު ނާޒިމެވެ. މި އެމްބިއުލާންސްތަކަކީ އެ ރަށްރަށުގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އުޅަނދުތަކުގެ ބަދަލުގައި ފޯރުކޮށްދެވުނު އުޅަނދުތަކެކެވެ.

ޖުމްލަ 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގި މި މަޝްރޫއަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެމްޕީއެލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ތިން ބުރަކަށް ބަހާލައިގެން ގެނައި މި އެމްބިއުލާންސްތަކުގެ ފަހު ޝިޕްމަންޓް ރާއްޖެ ގެނެސްފައިވަނީ ހިނގަމުންމިދާ ޖަނަވަރީ މަހުގެ ތެރޭގައެވެ.

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް އެމްބިއުލާންސް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދާއި ސިޓީތަކުގައި ބޭނުންކުރުމަށް 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް، އެ ޚިދުމަތްވެސް މިއަހަރު ފެށިގެންދާނެކަމަށް ސިއްހީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.