އިންޑޮނޭޝިއާގެ ސައުތު ސުލަވެސީ ޕްރޮވިންސްގެ ސަރަހައްދަކުން، 11 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަތިންދާބޯޓެއް ގެއްލިގެން އެ ބޯޓު ހޯދުމުގެ ޚާއްސަ އޮޕަރޭޝަނެއް ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ. އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ގެއްލިފައިވަނީ "އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓް" ކުންފުނިން އޮޕަރޭޓްކުރާ އޭޓީއާރު 42-500 މަރުކާގެ ބޯޓެކެވެ.
މި ބޯޓު ގެއްލުނުއިރު އޭގައި ޖުމްލަ 11 މީހުން ތިބިކަމަށް ރެކޯޑުތަކުން ދައްކައެވެ. އެއީ ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބި އަށް މީހުންނާއި، ދަތުރުކުރަމުންދިޔަ ތިން ފަސިންޖަރުންނެވެ. ޕީކޭ-ޓީއެޗްޓީ (PK-THT) ރެޖިސްޓްރީ ނަންބަރު އޮތް މި ބޯޓަކީ ޔޮގްޔަކާޓާއިން ފުރައިގެން މަކަސާރަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށާއި، ބޯޓުން ޚަބަރެއް ނުވެ ގެއްލިފައިވަނީ މާރޮސް ޑިސްޓްރިކްޓާ ހިސާބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޯޓު ހޯދުމުގެ މަސައްކަތް އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީ (ބަސާނަސް) އިން މިހާރު ވަނީ ފަށާފައެވެ. މިގޮތުން ބޯޓު ވެއްޓުނު ކަމަށް ލަފާކުރެވޭ ސަރަހައްދުގައި އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށް މަސައްކަތް ވަރުގަދަކޮށްފައިވާއިރު، ބޯޓު ގެއްލުނު ވަގުތު އެ ސަރަހައްދުގެ މޫސުން އޮތީ ރަނގަޅަށް ކަމަށް އިބްތިދާއީ މަޢުލޫމާތުތަކުން ދައްކައެވެ. އެވަގުތު އަށް ކިލޯމީޓަރަށް ފެންނަވަރަށް މޫސުން ސާފުކަމަށާއި އުޑުމަތީގައި ހުރީ ކޮންމެވެސް ވަރެއްގެ ވިލާކޮޅުތަކެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އިންޑޮނޭޝިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ލިބޭ ކުރިއެރުންތައް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ