ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި، މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މިހާރުގެ ކައުންސިލަރު ސައިފް ފާތިހުގެ މައްޗަށް ކުރިހޯއްދަވައި، މައްޗަންގޯޅި އުތުރު ދާއިރާގެ ޓިކެޓް ހަދީޖާ މުހައްމަދު (ހައްޖަ) ކާމިޔާބު ކުރައްވައިފިއެވެ. އަދި ހަމަ އެއާއެކު މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް މިހާރުގެ މޭޔަރު އާދަމް އާޒިމް ވަނީ ދިފާއުކުރައްވާފައެވެ.
އިއްޔެ ކުރިއަށްދިޔަ މި ޕްރައިމަރީގައި ހައްޖަ ވަނީ ބޮޑު ތަފާތަކުން ސައިފް ބަލިކުރައްވާފައެވެ. ނަތީޖާ ދައްކާގޮތުން ހައްޖަ ވަނީ ވޯޓުލީ މީހުންގެ 67.4 އިންސައްތަ ކަމަށްވާ 85 ވޯޓު ހޯއްދަވާފައެވެ. ސައިފްއަށް ލިބިވަޑައިގަތީ އެންމެ 32 ވޯޓެވެ. މި ދާއިރާއަށް ޖުމްލަ 126 މީހުން ވޯޓުލާފައިވާއިރު، 9 ވޯޓު ބާތިލްވެފައިވާކަމަށް ނަތީޖާތަކުން ދައްކައެވެ. އިންތިހާބު ކާމިޔާބުވުމާ ގުޅިގެން ހައްޖަ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ގޮނޑި ކާމިޔާބުކޮށްދިނުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށާއި، ރައްޔިތުން މާޔޫސްވިޔަ ނުދީ، ކައުންސިލަށް ހޮވިވަޑައިގެންފިނަމަ އަމަލީ ނަތީޖާ ދައްކަވާނެ ކަމަށެވެ.
މީގެ އިތުރުން، އިއްޔެގެ ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް ފެނިގެންދިޔަ މާލެ ސިޓީ މޭޔަރު ކަމުގެ ޓިކެޓް، މިހާރުގެ މޭޔަރު އާދަމް އާޒިމް ކަށަވަރުކުރެއްވީ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. އާދަމް އާޒިމް 1411 ވޯޓު ހޯއްދެވިއިރު، ވާދަވެރި ކެންޑިޑޭޓް އަލީ އާޒިމްއަށް ލިބިވަޑައިގަތީ 962 ވޯޓެވެ. މިއާއެކު އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމުގެ ފުރުސަތު އާދަމް އާޒިމްއަށް ވަނީ ލިބިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ