ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމުގެ ޓިކެޓް، މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ޕާޓީގެ އިސް ދެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ފޯރިގަދަ ޕްރައިމަރީ އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމްއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. ވަގުތީ ނަތީޖާއިން އާދަމް އާޒިމް ކުރި ހޯއްދެވުމާއެކު، ރައީސް ނަޝީދާއި ރައީސް ސޯލިހު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާދަމް އާޒިމްއަށް ތަހުނިޔާ ފޮނުއްވާފައެވެ. މި ޕްރައިމަރީގައި ރައީސް ނަޝީދު ފާޅުގައި ތާއީދު ކުރެއްވީ އަލީ އާޒިމްއަށް ކަމަށްވެފައި، އެމަނިކުފާނު ވަނީ އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ވެސް ދައްކަވާފައެވެ. ނަމަވެސް ނަތީޖާއަށްފަހު ނަޝީދު ކުރެއްވި ޕޯސްޓުގައި އާދަމް އާޒިމްއަށް މަރުހަބާ ވިދާޅުވުމުގެ އިތުރުން، އަލީ އާޒިމް ކުރެއްވި ހިތްވަރަށް ވެސް ތައުރީފު ކުރައްވާފައިވެއެވެ. އަދި މިއަދުގެ އިންތިހާބަކީ އިންތިޒާމްތައް ރަނގަޅު، ފުރިހަމަ ޕްރައިމަރީއެއްގެ ގޮތުގައި ފާހަގަކުރައްވައި މުޅި ޕާޓީއަށް ވެސް ނަޝީދު މަރުހަބާ ވިދާޅުވިއެވެ.
ރައީސް ސޯލިހު މި އިންތިހާބުގައި ތާއީދު ކުރެއްވީ އާދަމް އާޒިމްއަށެވެ. ނަމަވެސް ނަޝީދާ ޚިލާފަށް ސޯލިހު ކެމްޕެއިންގައި ފާޅުގައި އުޅުއްވާފައެއް ނުވެއެވެ. އާދަމް އާޒިމްގެ ކާމިޔާބީއާ ގުޅިގެން ސޯލިހު ވިދާޅުވީ، މިއީ މޭޔަރުކަމުގައި ހޭދަކުރެއްވި ފާއިތުވި ދެ އަހަރު ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތް އެމްޑީޕީގެ މެންބަރުން ބަލައިގަތުން ކަމަށެވެ. އަދި ކެމްޕެއިން ތެރޭގައި މެންބަރުންގެ ފަރާތުން އިވުނު އަޑުތަކާއި، އެމީހުންގެ އިހުސާސްތަކާ އެއްގޮތަށް ކުރިއަށް އޮތް ދައުރުގައި އަމަލީ ސިފަ ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ސޯލިހު ވަނީ އާދަމް އާޒިމްގެ ކިބައިން އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ޓިކެޓް އާދަމް އާޒިމް ކަށަވަރު ކުރެއްވިއިރު، ކުރިއަށް އޮތް އިންތިހާބުގައި ވާދަވެރި ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވާނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ. އޭނާއަށް ޓިކެޓް ލިބިވަޑައިގެންނެވީ ޕްރައިމަރީއަކާ ނުލައެވެ. މީގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފްގެ ތާއީދާއެކު މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވެސް މާލޭ މޭޔަރުކަމަށް ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ