މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު، ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށައިފިއެވެ. މިއީ 2019 ވަނަ އަހަރު އީރާން ބޯޓަކުން ރާއްޖެ އެތެރެކުރި 59 މިލިއަން ރުފިޔާގެ އަގުހުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ މުގުލުގައި ހުރި ކަމަށް ތުހުމަތުކުރެވޭ މީހާއެވެ.
މި މައްސަލައިގެ އަޑުއެހުމުގައި އަންވަރު ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތަކަށް އެދުނު ނަމަވެސް، މައްސަލައިގެ ލިޔެކިޔުންތައް ލިބި ހަތަރު މަސް ވެފައިވުމާއި، މިއީ އަވަހަށް ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައަކަށްވާތީ ފަނޑިޔާރުން ވަނީ އިތުރު ފުރުސަތެއް ނުދިނުމަށް ނިންމަވާފައެވެ. އަންވަރު ކޯޓުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާ އެހެން ފަރާތަކަށް ކުއްޔަށް ނަގައިދީފައިވާ ތަނެއް ކަމަށެވެ.
އަންވަރު ބަންދުން ދޫކޮށްލުމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ، ފަހުން މަގާމުން ވަކިކުރެވުނު ގާޒީ ހުސައިން ފާއިޒް ރަޝާދު ނެރުއްވި އަމުރެކެވެ. އެފަހަރު ކޯޓުން ދޫކޮށްލުމާއެކު އަންވަރު ރާއްޖެއިން ފުރައިގެން ލަންކާއަށް ދިޔަ ނަމަވެސް، އެ ގައުމުން އޭނާ އެތެރެވިޔަނުދީ ފޮނުވާލުމުން ރާއްޖެ އައުމާއެކު ފުލުހުން ވަނީ އޭނާ އަލުން ހައްޔަރުކޮށްފައެވެ. މި މައްސަލަ ހައިކޯޓުން ބަލައިގަތީ، ރެޖިސްޓްރާ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން އެކަން މުރާޖައާ ކޮށްދިނުމަށް އެދުމުންނެވެ.
ކޮމެންޓު ފޮނުވާ