ޓޮރިނޯ އަތުން 2-0 އިން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ރޭ މިލާނުގެ ދެ ގޯލް ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ގޯލް 25 ވަނަ މިނެޓުގައި ޕޯޗުގަލްގެ ރަފައެލް ލީއޯ ޖެހީ ރެއާލް މެޑްރިޑުގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ބްރަހިމް ޑިއާޒް ދިން ބޯޅައަކުންނެވެ. މިލާނުގެ ދެ ވަނަ ގޯލް 36 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ފްރޭންކް ކެސީ އެވެ. މިއީ ޑިއާޒް ހޯދައިދިން ޕެނަލްޓީއެކެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު ޒަލަޓާން އިބްރަހިމޮވިޗް ވަނީ ފިޓްވެ ރޭގެ މެޗުގެ ފަހުކޮޅު ކުޅެން އަރައިފަ އެވެ. އޭނާ ވަނީ ލީގުގައި ކުޅުނު ހަ މެޗުން 10 ގޯލް ޖަހައިފަ އެވެ. މިލާން އެއް ވަނައިގައި އޮތީ 17 މެޗުން 40 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް އިންޓަ އަށް 16 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ