ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްސަކޮށްގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކުރާ "ރޯދަ ބާޒާރު ފެސްޓިވަލް" ގައި ބައިވެރިވެ، ސްޓޯލްތައް ހިންގުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި ފެސްޓިވަލަކީ ރޯދަ މަހަށް ބޭނުންވާ ތަފާތު މުދާ އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
މި ފެސްޓިވަލުގައި ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އަންނަ ހަފުތާގެ އާދީއްތަ ދުވަސް ކަމަށްވާ 2026 ޖަނަވަރީ 18 އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އެޗްޑީސީން މައުލޫމާތު ދެއްވާ ގޮތުގައި ފޯމު ހުށަހަޅަންޖެހޭނީ އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިއުކުރާ ޚާއްސަ ލިންކެއް މެދުވެރިކޮށް އޮންލައިންކޮށެވެ.
ސްޓޯލްތައް ދޫކުރުމުގައި އެޗްޑީސީން ގެންގުޅޭނީ "ފަސްޓް ކަމް ފަސްޓް ސާވް" އުސޫލެވެ. މާނައަކީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ސްޓޯލް ހިންގުމުގެ ފުރުސަތު ލިބިގެންދާނީ އެންމެ އަވަހަށް ފޯމު ހުށަހަޅާ ފަރާތްތަކަށެވެ. އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ވީހާވެސް އަވަހަކަށް ފޯމު ހުށަހެޅުމަކީ މުހިންމު ކަމެކެވެ.
މި ފަހަރުގެ ފެސްޓިވަލްގައި ތަފާތު 7 ކެޓަގަރީއަކުން ޖުމްލަ 88 ސްޓޯލް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ސްޓޯލްތަކުގެ އަގުތަކަށް ބަލާއިރު، ހޯމް ކެއާ، ހާޑްވެއާ، ފަރުނީޗަރު އަދި އިލެކްޓްރޯނިކްސް ސާމާނަށް ޚާއްސަ 14 ސްޓޯލްގެ ކުއްޔަކީ ހަތަރު ދުވަހަށް 8،500 ރުފިޔާއެވެ. އަދި ބާކީ ހުރި އެހެނިހެން ކެޓަގަރީތަކުގެ ސްޓޯލްތަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 5،000 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ