ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ، އޭނާއަށް ލިބިވަޑައިގެންނެވި ޝަރަފުވެރި ނޮބެލް ސުލްހައިގެ އިނާމުގެ މެޑަލް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަދިޔާކުރައްވައިފިއެވެ. މިއީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވެރިކަމުން ދުރުކުރުމަށްފަހު، އެ ގައުމުގެ ވެރިކަމުގެ ބާރުތައް ހޯދުމަށް ޓްރަމްޕުގެ ރުހުން ހޯއްދެވުމުގެ ގޮތުން މަޗާޑޯ ކުރެއްވި ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެމެރިކާއިން ވެނެޒުއޭލާއަށް ދިން ކުއްލި ހަމަލާތަކެއްގައި މަދޫރޯ ހައްޔަރުކޮށް އެމެރިކާގެ ޖަލަކަށް ގެންދިޔަ ނަމަވެސް، ވެނެޒުއޭލާ ހިންގުމުގެ ކަންކަމުގައި މަޗާޑޯ ވަނީ އެއްފަރާތްކޮށްފައެވެ. އޭގެ ބަދަލުގައި ޓްރަމްޕް ނިންމަވާފައިވަނީ މަދޫރޯގެ ނައިބު ޑެލްސީ ރޮޑްރިގޭޒްގެ ބެއްލެވުމުގެ ދަށުން ވެނެޒުއޭލާގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. މިގޮތަށް ޓްރަމްޕް ނިންމެވީ އެމެރިކާއިން ބޭނުންވާ ގޮތަށް ވެނެޒުއޭލާގެ ތެލުގެ ރިޒާވް ބޭނުންކުރުމަށް ރޮޑްރިގޭޒް ތާއީދުކުރައްވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވައިޓް ހައުސްގައި ބޭއްވެވި ސިއްރު ބައްދަލުވުމެއްގައި މި އިނާމު ޓްރަމްޕަށް އެރުވުމަށްފަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މަޗާޑޯ ވިދާޅުވީ، މިއީ ޓްރަމްޕަށް ހައްގު އެއްޗެއް ކަމަށާއި އެއީ ވަރަށް ޖަޒުބާތީ ވަގުތުކޮޅެއް ކަމަށެވެ. އަދި އެކަން ކުރެއްވީ ވެނެޒުއޭލާގެ މިނިވަންކަމަށް ޓްރަމްޕް ދެއްވާ އަހަންމިިއްޔަތު ފާހަގަކުރެއްވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ބައްދަލުވުމުގައި ޓްރަމްޕް އެ މެޑަލް ގަބޫލުކުރައްވައި ބެހެއްޓެވި ކަމެއް އަދި ސާފެއް ނުވެއެވެ. ނޮބެލް ކޮމިޓީގެ ގަވާއިދު ބުނާގޮތުން އެ އިނާމު ލިބޭ ފަރާތް ނޫން އެހެން ފަރާތަކަށް އިނާމު ބަދަލެއް ނުކުރެވޭނެއެވެ.
މަޗާޑޯ މި އިނާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ފުރާނައަށް ނުރައްކާވާ ފަދަ ދަތުރެއް ކުރައްވައި، ސިއްރުން ކަނޑުމަގުން ގައުމުން ބޭރަށް ވަޑައިގެން ނޯވޭގައެވެ. އެހާ ބުރަ މަސައްކަތުން ހޯއްދެވި ޝަރަފު ޓްރަމްޕަށް ހަދިޔާކުރެއްވި ނަމަވެސް، ވެނެޒުއޭލާގެ ރައްޔިތުންގެ ތާއީދު މަޗާޑޯއަށް ނެތް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އޭނާއަށް ވެރިކަން ހަވާލުކުރަން ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ވެނެޒުއޭލާގެ އިދިކޮޅު ޕާޓީން ބުނަނީ 2024 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރީ އެ ޕާޓީން ކަމަށާއި މަދޫރޯ އިންތިހާބު އޮޅުވާލީ ކަމަށެވެ.
ޓްރަމްޕަކީ ނޮބެލް ސުލްހައިގެ އިނާމު ހޯއްދެވުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅެކެވެ. އަށް ހަނގުރާމައެއް ހުއްޓުވާފައިވާތީ އެ އިނާމު އޭނާއަށް ހައްގު ކަމަށް ޓްރަމްޕް ގަބޫލުފުޅު ކުރައްވައެވެ.
ކޮމެންޓު ފޮނުވާ