ބާސާ މޮޅުވިއިރު ރެއާލް ފުއްދާލީ ޕޮއިންޓަކުން

ބާސާ މޮޅުވިއިރު ރެއާލް ފުއްދާލީ ޕޮއިންޓަކުން

Author
މުޙައްމަދު ޝަޒައިމް
10 ޖެނުއަރީ 2021 11:56
0

ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން ފައްސޭހަ މޮޅެއް ހޯދިއިރު ރެއާލް މެޑްރިޑު ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ރޭ ބާސާއިން 0-4 އިން ގްރަނާޑާގެ ދަނޑުގައި އެޓީމުގެ މައްޗަށް ކުރިހޯދި އިރު މެސީ ވަނީ ދެލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އެހެންނަމަވެސް ރޭގެ މެޗުގައި ބާސާ މޮޅުވުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ އެޓީމުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަންއެވެ. އޭނާވެސް ވަނީ މެޗުގައި ދެލަނޑު ކާމިޔާބުކޮށް އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ.

ބާސާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގްރީޒްމަންއެވެ. މިއީ ގްރަނާޑާގެ ރޮބާޓޯ ސޮލްޑާޑޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ގްރީޒްމަން ކާމިޔާބު ކުރި ލަނޑެކެވެ. ބާސާގެ ދެވަނަ ލަނޑަކީ ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން މެސީ ކާމިޔާބުކުރި ލަނޑެކެވެ. މެސީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މިއީ ބާސާގެ ޒުވާން ކުޅުންތެރިޔާ ޕެޑްރީ އަށް ގްރަނާޑާގެ ޔާން ބްރައިސް އެޓެކީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މެސީ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑާއެކު އެންމެފަހުން ކުޅުނު ދެމެޗުން މެސީ ވަނީ ޖުމްލަ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. ލީގުގައި މިހާތަނަށް މި ސީޒަނުގައި ޖެހި 11 ލަނޑާއި އެކު މެސީ އަކީ މިވަގުތު ސްޕެނިޝް ލަލީގާގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައެވެ. ބާސާގެ ހަތަރު ވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ 17 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ގްރީޒްމަން ކާމިޔާބުކުރި ލަނޑެކެވެ.

ރޭ ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ވަނީ ތާވަލުގެ އެންމެ ފުލުން ދެވަނައިގައި އޮތް އޮސަސޫނާ އާއި ދެކޮޅަށް ކުޅެ އެއްވަރުވެފައެވެ. މިނަތީޖާތަކާއި އެކު ބާސާއިން ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. ބާސާއަށް ތާވަލުގެ ތިންވަނަ ލިބެނީ ކުޅުނު 18 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި މިދެޓީމަށްވުރެ ތިންމެޗު މަދުން ކުޅެގެން އޮތީ އޮތް އެތްލެޓިކޯ މެޑްރިޑެވެ. އެންމެފަހުން ކުޅުނު 11 މެޗުން ވެސް މޮޅެއް ހޯދިފަނުވާ އޮސެސޫނާ އޮތީ ރެލިގޭޝަން ޒޯނުގައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.