ސަރުކާރު ސިހި ފަސްޖެހިއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެ: ޝުޖާ

ސަރުކާރު ސިހި ފަސްޖެހިއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެ: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
10 ޖެނުއަރީ 2021 12:05
0

އިދިކޮޅުން ކުރަމުންދާ މަސައްކަތްތަކާއިމެދު ސަރުކާރުން މިއަދު ފަސް ޖެހޭކަމުގެ އިހުސާސް ކުރެވޭ ކަމުގައި ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަން ތެރޭގައި ބައިބައިވުން އޮތްކަމަށް ބުނެ ދައްކަމުންދާ ވާހަކަ ތަކާއި ގުޅިގެން ޝުޖާ ވިދާޅުވީ މިވާހަތައް އަޑަށް ބާރުލާފައި ދައްކައި، މިއަޑުތައް މިއަދު ގަދަވެފައިވަނީ އިދިކޮޅުން ކުރެވޭ މަސައްކަތްތަކާއިމެދު ސަރުކާރުން ޖެހިލުންވާލެއް ބޮޑުކަމުން ކަމަށެވެ. މިއަދު ކުރެވޭ މަސައްކްތަތަކުން ސަރުކާރު ޖަވާބުދާރީކޮށް، ސަރުކާރު ޒިންމާދާރު ކުރުމަށް ކުރެވޭ މަސައްކަތް ބަރާބަރުކަމަށް އިހުސާސް ކުރެވޭ ކަމުގައި ޝުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ މިހެން ދައްކާވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ދޭނެ ބައެއް ނޫންކަމަށެވެ. ނަމަވެސް ސަރުކާރަށް މިއަދު ގޮތް ހުސްވެ، އިދިކޮޅު ކޯލިޝަން ތެރެގައި ބައިބައި ވުމަށް ކުރަމުންދާ މަަސައްކަތަކީ ސަރުކާރަށް ގޮތް ހުސްވުމުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ޝުޖާ ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށްދާނީ މިހާރެކޭވެސް އެއްގޮތަށް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތްކޮށް، އެކަމުގައި ސާބިތުވެ ތިބުމަށް ކަމުގައެވެ.

ކުރެވޭ މަސައްކަތް ބަރާބަރުކަން އިހުސާސް ކުރެވިއްޖެ. ސަރުކާރު ސިހި ފަސްޖެހިއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެ. ޕްރޮގްރެސިވް ކޯލިޝަން ދާނީ ކުރިއަށް. ޖެހިލުމެއްނެތި ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އަޑު އުފުލާނެ. މިއީ 2021 ވަނަ އަހަރު. މިއީ މާ ގިނައިން ރައިވަރު އަޑުއަހާ ޒަމާނެއްނޫން.

– ޝުޖާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން ތެރޭގައި ބައިބައިވުން އޮތްކަަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް ޕާޓީ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، މެމްބަރުން މާޔޫސް ކޮށްލުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި މިއީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ޕާޓީ ބައިބައިކޮށް، ލީޑަރޝިޕްގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި، މިއީ އާކަންތައްތަކެއް ނޫންކަމަށް އިދިކޮޅު ކޯލިޝަނުުން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުންގެ ރިޔާސީ ޓިކެޓަށް ޕާޓީ ތެރެއިންނާއި، ޕާޓީން ބޭރުން ގިނަ ބައެއްގެ ޝައުގުވެރިކަން ހުރިނަމަވެސް، ކޯލިޝަންގެ ރިޔާސީ ޓިކެޓަކީ ރައީސް ޔާމީންގެ ޓިކެޓެއް ކަމުގައި ކޯލިޝަން ހިންގަވަން ތިއްބެވި ބޭފުޅުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.