އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ބައިބައި ކޮށްލުމަށް ކުރަމުންދާ މަސައްކަތް ވަރަށް ކައިރިން ބަލަމުންދާ ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަން ތެރޭގައި ބައިބައިވުން އޮތްކަމަށް ބުނެ ދައްކަމުންދާ ވާހަކަ ތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަން މިވަގުތު ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެތެރެއިންނާއި، ބޭރުން ކޯލިޝަން ބައިބައި ކޮށްލުމަށް ކުރަމުންދާ މަސައްކަތް ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. ޕީޕީއެމް ޕީއެންސީގެ މިހާރުގެ ލީޑަރޝިޕަކީ ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު އޮތް، ރައީސް ޔާމީނަށްޓަކައި ފަހުވަގުތާއި ހަމައަށްވެސް މަސައްކަތް ކުރާނެ ލީޑަރޝިޕެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީޕީއެމްއިން ކޯލިޝަނުން މަސައްކަތް ކުރަމުންދަނީ އެތެރެއިންނާއި ބޭރުން ބައިބައި ކޮށްލުމަށް ކުރެވޭ މަސައްކަތް ނާކާމިޔާބުކޮށް، އެކަތި ގަޑެއްގެ ގޮތުގައި މަަސައްކަތް ކުރުމަށް ކަމަށެވެ. އަދި "ބާޒު" ތަކުން ޕާޓީ ތެރެ ހަލާކު ކޮށްލުމަށް ކުރަމުންދާ މަސައްކަތަށް އަބަދުވެސް ވަރަށް ކައިރިން ބަލައި ފާރަވެރި ވަމުންދާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
PPM/PNC ބައިބައި ކުރަން ގާތުންނާ ދުރުން ތިޔަކުރާ މަސައްކަތަކީ ބޭކާރު މަސައްކަތެއް. ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު PPM/PNCގެ ލީޑަރޝިޕަށް އެބައޮތް. މިތިބީ ވަރަށް ރަނގަޅަށް ލޯހުޅުވައިގެން ބާޒުތަކުގެ ޙަރަކާތްތަކަށް ފާރަވެރިކަމާއެކު ބަލަން.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަން ތެރޭގައި ބައިބައިވުން އޮތްކަަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް ޕާޓީ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، މެމްބަރުން މާޔޫސް ކޮށްލުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި މިއީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ޕާޓީ ބައިބައިކޮށް، ލީޑަރޝިޕްގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި، މިއީ އާކަންތައްތަކެއް ނޫންކަމަށް އިދިކޮޅު ކޯލިޝަނުުން ވަނީ ބުނެފައެވެ.
އިދިކޮޅު ކޯލިޝަނުންގެ ރިޔާސީ ޓިކެޓަށް ޕާޓީ ތެރެއިންނާއި، ޕާޓީން ބޭރުން ގިނަ ބައެއްގެ ޝައުގުވެރިކަން ހުރިނަމަވެސް، ކޯލިޝަންގެ ރިޔާސީ ޓިކެޓަކީ ރައީސް ޔާމީންގެ ޓިކެޓެއް ކަމުގައި ކޯލިޝަން ހިންގަވަން ތިއްބެވި ބޭފުޅުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ