ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލުން ސަރުކާރުން ހިންގަން ބޭނުންވާ ކަންކަމަށް އެއްބާރުލުން ނުދީ، ދަތިކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކެމްޕޭނު އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ޕީޕީއެމްގެ ސަރުކާރުގައި ވެސް އައްޑޫގެ ތަރައްޤީއަށް ރޭވި ގިނަ ކަންކަން ނުވެ ދިޔައީ އޭރު އޮތް ކައުންސިލުން އެކަންކަމަށް ހުރަސްއެޅުމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ކައުންސިލުން ވެސް ކަންކުރަމުންދަނީ އެ ބީދައިން ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ.
މިކަމުގެ ހެއްކެއްގެ ގޮތުން މިނިސްޓަރު އިހުސާން ވަނީ ދެ މަޝްރޫޢެއްގެ މިސާލު ނަންގަވާފައެވެ. އެގޮތުން މަރަދޫގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ހަމަޖައްސައިދިނުމަށް އެދި ކައުންސިލަށް ހުށަހެޅިތާ ދެ މަސް ވެފައިވާއިރުވެސް އެކަން ވެފައިނުވާކަމަށާއި، ގަމުގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ބިމަށް އެދިފައިވާތާ އަށް މަސް ވެގެން ދިޔައިރުވެސް ކައުންސިލުން އެކަމަށް އިޖާބަދީފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ސިފަކުރެއްވި ގޮތުގައި މިއީ ސަރުކާރަށް "ދުއްތުރާކުރާ" ކައުންސިލެއް އޮތުމުން ކަންކަން ވެގެންދާނެ ގޮތެވެ. އަދި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އައްޑޫއާ ހަމައަށް، ސަރުކާރާ އިދިކޮޅު ފިކުރުގެ ކައުންސިލްތައް އޮތް ގިނަ ތަންތަނުގެ ހާލަތަކީ މިއީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އަދި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލްތައް އޮތް ރަށްރަށުން ތަރައްޤީގެ ތަފާތު ފެންނަމުންދާ ކަމަށެވެ. އެހެންކަމުން އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި، ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކެންޑިޑޭޓުން ހޮވައިފިނަމަ ފޭދޫއަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ