އިރާނުގެ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިޔަށް

އިރާނުގެ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިޔަށް

Author
އައިޝަތު އަޙްމަދު
11 ޖެނުއަރީ 2026 09:43
0

އިރާނުގެ ސަރުކާރާ ދެކޮޅަށް ފަހުގެ ތާރީޚެއްގައި އެގައުމުގައި ހިންގަމުންދާ އެންމެ ބޮޑެތި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށްޓަކައި، އެގައުމުގެ ސަލާމަތީ ބާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފިއެވެ. އިރާނުގެ އެލީޓް ފޯސް ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ބުނެފައިވަނީ މި ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބީ "ޓެރަރިސްޓުން" ކަމަށާއި، އެ ފަރާތްތަކުގެ ކިބައިން ގައުމުގެ ވެރިކަމުގެ ނިޒާމު ހިމާޔަތްކުރުމަކީ އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ. މީގެއިތުރުން، ގައުމީ މަސްލަހަތާއި މުހިންމު ބިނާތައް ރައްކާތެރިކުރުމަށްޓަކައި އަސްކަރިއްޔާއިން ނުކުންނާނެ ކަމަށް ބުނެ ސިފައިންވެސް ވަނީ އާންމުންނަށް އިންޒާރު ދީފައެވެ.

މި ހާލަތާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި އިރާނުގެ ވެރިންނަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އިރާނުގެ ރައްޔިތުންނަށް މިހާރު ފެންނަމުންދަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ މިނިވަންކަމެއް ކަމަށާއި، އެމެރިކާ އޮތީ އެހީތެރިވުމަށް ތައްޔާރަށެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިނުޖެހުމަށް ގޮވާލައްވައި، އިރާނުން ބަޑިޖަހަން ފަށައިފިނަމަ އެމެރިކާއިންވެސް ބަޑިޖަހަން ފަށާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ހަރުކަށި އިންޒާރެއް ދެއްވާފައެވެ.

މުޒާހަރާތަކުގެ ޚަބަރުތައް ފެތުރުން ހުއްޓުވުމަށް ސަރުކާރުން އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައި ވީނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ތެހެރާން، ރަޝްތު، ތަބްރީޒް، ޝީރާޒް އަދި ކަރްމާން ފަދަ ބޮޑެތި ސިޓީތަކުގައި ދަނީ މެދުކެނޑުމެއްނެތި މުޒާހަރާތައް ކުރަމުންނެވެ. މި އެއްވުންތަކުގައި ބައިވެރިން ގޮވާލަމުންދަނީ އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިސްތިއުފާއަށެވެ. އިރާނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތެއް ކަމަށްވާ "ހަރާނާ" އިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ހިނގި ހަމަނުޖެހުންތަކުގައި މުޒާހަރާގެ 50 ބައިވެރިންނާއި ސަލާމަތީ ބާރުތަކުގެ 15 މީހުން މަރުވެފައިވާއިރު، 2,300 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ސަލާމަތީ ބާރުތަކުން ވަޒަން ބޭނުންކުރަމުންދާކަން ހޮސްޕިޓަލްތަކުގެ މައުލޫމާތުތަކުން ކަށަވަރުވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން އިރާނުގައި ފެށުނު މި މުޒާހަރާތައް މިހާރު ވަނީ މުޅި ދީނީ ވެރިކަމާ ދެކޮޅު ސިޔާސީ ހަރަކާތަކަށް ބަދަލުވެފައެވެ. މި ދަނޑިވަޅުގައި، އެމެރިކާގައި ދިރިއުޅުއްވާ އިރާނުގެ ކުރީގެ ރަސްގެފާންގެ ދަރިކަލުން ރިޒާ ޕަހްލަވީ ވެސް ވަނީ މިއީ ވެރިކަން ބަދަލުކުރަންވީ ވަގުތު ކަމަށް ވިދާޅުވެ، ރަށްރަށުގެ މަރުކަޒީ ސަރަހައްދުތައް ހިފުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. ނަމަވެސް އިރާނުގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި މި ހަމަނުޖެހުންތަކަކީ އެމެރިކާއާއި އިޒްރޭލުން އަޑީގައި ތިބެގެން ހިންގާ ޖަރީމާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.