އިންޑޮނޭޝިއާގެ އުތުރުގައި އޮންނަ ތަލައުދް އައިލެންޑްސްގެ ސަރަހައްދަށް ރޭގެ ވަގުތެއްގައި 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ނަމަވެސް، މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ ބިރު ނެތްކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ތަލައުދް އައިލެންޑްސްގެ އައްސޭރިފަށާ ކައިރިން، ބިމުގެ 17 ކިލޯމީޓަރު އަޑިންނެވެ. މައި ބިންހެލުމަށްފަހު، އެ ސަރަހައްދުގެ ބިމަށް އިތުރު ކުދި ލޮޅުންތައް (އާފްޓަރޝޮކްސް) އަރަމުންދާކަން ރެކޯޑު ކުރެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުމުގެ ބާރުގަދަ ނަމަވެސް، އިންޑޮނޭޝިއާގެ ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް މީހަކަށް އަނިޔާވިކަމުގެ ނުވަތަ އިމާރާތަކަށް ބޮޑު ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އޮފިޝަލުން ފާހަގަކުރައްވާ ގޮތުގައި އެ ސަރަހައްދަކީ ފަހަކަށް އައިސް ބިންހެލުމުގެ ހަރަކާތްތައް އިތުރުވެފައިވާ ސަރަހައްދެކެވެ. އަދި ބޮޑު ބިންހެލުމެއް އަތުވެދާނެ ކަމުގެ ނިޝާންތައް ދާދިފަހުން ފެންނަން ފަށާފައިވާކަން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ