ސިވިލް ކޯޓުގެ ތާރީޚުގައިވެސް ރެކޯޑު ޢަދަދަކަށް މައްސަލަ ނިންމައި، އެ ކޯޓުގެ މަސައްކަތްތައް ހަލުވިވެފައިވާކަން ހާމަވެއްޖެއެވެ. އެ ކޯޓުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ 2025 ވަނަ އަހަރަކީ އެ ކޯޓުން އެންމެ ގިނަ ޢަދަދަކަށް ޤަޟިއްޔާތައް ނިންމާފައިވާ އަހަރެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު އެ ކޯޓުން 5،432 މައްސަލަ ނިންމާފައިވާއިރު، މިދިޔަ އަހަރު އެ ޢަދަދު ވަނީ 6،718 އަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 23.68 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާއެކު، ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދުވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު 5،142 މައްސަލަ ރަޖިސްޓްރީކުރިއިރު، މިދިޔަ އަހަރު އެ ޢަދަދު ވަނީ 5،680 އަށް އަރާފައެވެ. މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.
މައްސަލަތައް ނިންމުމުގެ އިތުރުން، ވަގުތީ ޢަމުރުތަކާއި އިޖުރާޢީ ނިންމުންތައް ނިންމި މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ވަގުތީ ޢަމުރުތަކާ ގުޅޭ 166 މައްސަލައެއް މިދިޔަ އަހަރު ނިންމާފައިވާއިރު، އިޖުރާޢީ އަދި އިޚްތިޞާޞްއާ ގުޅޭ 126 މައްސަލައެއްގައި ގޮތް ކަނޑައަޅާފައިވެއެވެ. ރާއްޖޭގެ ކޯޓުތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާ ސިވިލް ކޯޓުގައި މިވަގުތު 17 ޤާޟީން މަސައްކަތް ކުރައްވައެވެ.
ކޮމެންޓު ފޮނުވާ