މިފްކޯގެ އައު މެނޭޖުމަންޓުން ބޭރުގެ ފަރާތްތަކާއެކު ކުރި މަޝްވަރާތަކާއި މަސައްކަތުން، ރާއްޖޭގެ މަހަށް ބޭރުގެ ބާޒާރުގައި ލިބޭ އަގު ބޮޑުކޮށްފިއެވެ. ޕީއެސްއެމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީނިއަރ ކޮންސަލްޓެންޓް އާތިފް ޝަކޫރު ވިދާޅުވީ، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
އާތިފް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި މަސް ވިއްކާ އަގު މިހާރު ވަނީ އުފުލިފައެވެ. އެގޮތުން ކުރިން ޓަނެއް ވިއްކަމުން ދިޔަ 1506 ޑޮލަރުގެ އަގު، މިހާރު 1620 ޑޮލަރާ ހަމައަށް ބޮޑުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މަސް ގަންނަ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުން ޓަނަކުން 50 ޑޮލަރު ސޭވްކުރެވިފައިވާ ކަމަށާއި، މިއީ ކުންފުންޏަށް ލިބުނު ބޮޑު ލުއިކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ބާޒާރު ކޮންޓްރޯލް ނުކުރެވުނު ނަމަވެސް، ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަމަށް އޮތް ޑިމާންޑް ބޮޑުކަމުން މަހުގެ އަގު އުފުލުމުގެ ފުރުސަތު ލިބުނުކަމަށް އާތިފް ވިދާޅުވިއެވެ. އަދި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ބަންދުވެފައި އޮތް އިނގިރޭސިވިލާތް (ޔޫކޭ) ގެ ބާޒާރުވެސް މިއަހަރު ތެރޭގައި އަލުން ހުޅުވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް މިފްކޯއިން ހާމަކުރެއެވެ.
ކޮމެންޓު ފޮނުވާ