ބޭސްފިހާރަތަކުން އާސަންދައަށް ބިލްކުރާ އަގުތައް ބާޒާރު އަގުތަކަށްވުރެ އެތައް އިސައްތައެއް ބޮޑު: އޮޑިޓް ރިޕޯޓް

ބޭސްފިހާރަތަކުން އާސަންދައަށް ބިލްކުރާ އަގުތައް ބާޒާރު އަގުތަކަށްވުރެ އެތައް އިސައްތައެއް ބޮޑު: އޮޑިޓް ރިޕޯޓް

Author
ހުސައިން
06 ޖެނުއަރީ 2026 05:32
0

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުން ވަނީ ބޭސްފިހާރަތަކުން އާސަންދައަށް ބިލްކުރާ އަގުތައް ބާޒާރު އަގުތަކަށްވުރެ އިސައްތަ ބޮޑުކަމަށް ހާމަކޮށްފައެވެ. ރިޕޯޓްގައި ބުނީ ރާއްޖެއަށް އެތެރެކުރާ އަދި އާންމުކޮށް ބޭނުންކުރެވޭ 26 ބޭހެއް ބޭސްފިހާރަތަކުން ދޫކުރާ އަގާއި އާސަންދައިން އެބޭސް ދޫކުރާ އަގާ އަޅާބެލުމުން، 17 ބޭހެއްގެ އަގު ބާޒާރުގައި ވިއްކާ އަގަށްވުރެ ބޮޑުކޮށް ސްކީމް މެދުވެރިކޮށް ދޫކޮށްފައިވާކަމަށެވެ.

އޮޑިޓްގައި ވަނީ ބައެއް ބޭސްވިއްކާ ތަންތަނުން ބާޒާރުގެ އަގަށްވުރެ 63 އިންސައްތައާ ހަމަޔަށްވެސް ބޮޑުކޮށް ބިލްކުރާކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން ބޭހާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް އާސަންދައިން ވެސް އަމަލުކުރަމުން ނުދާކަމަށާ، ބޭސް ވިއްކާ ފަރާތްތަކުންވެސް އެކިފަހަރު އެކި ގޮތަށް އަގު ކަނޑައަޅާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ބައެއް ފާމަސީތަކުން އިންވޮއިސް ހުށަހެޅުމަށް އުޒުރުވެރިވުމާއި، ބޭސް އެތެރެކުރާ ފަރާތްތަކުގެ ތަފާސްހިސާބުތަކުގައި ބޮޑެތި ފަރަގުތައް ހުރުމުން އަގު ކަނޑައެޅުމުގައި ގޮންޖެހުންތައް ކުރިމަތިވާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި 17 ބޭހަކަށް އެކަނި ތިން އަހަރުގެ ތެރޭގައި އިސްރާފަށް މަގުފަހިވާގޮތަށް 45 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި މުއްދަތު ހަމަނުވާ ބޭސް ނެގުމުގެ މައްސަލަވެސް ފާހަގަކުރެވިފައިވާއިރު، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިނުވާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.