2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އާސަންދައިގެ ހަރަދުގެ ގޮތުގައި ދައުލަތުން 16 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެ ފަސް އަހަރުގެ ތެރޭގައި އާސަންދައަށް ޖުމްލަ 16،078،780،958 ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުން އެ ފަސް އަހަރު ކުރި ޚަރަދުގެ 45 އިންސައްތަކަމަށެވެ.
އަހަރަކަށް މިހާރު އާސަންދައަށް ދައުލަތުން ހޭދަކުރަނީ 2.6 ބިލިއަން ރުފިޔާކަން ފާހަގަކުރަމުން ރިޕޯޓްގައި ބުނީ ސްކީމްގެ ހަރަދު އަހަރުން އަހަރަށް އިތުރުވަމުންދާކަމަށެވެ. މި މުއްދަތުގައި ސިއްހީ ހިދުމަތަށް ދައުލަތުން ހޭދަކުރީ ޖުމްލަ 35.8 ބިލިއަން ރުފިޔާއެވެ. އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ހަމަޖައްސަމުންދިޔަނަމަވެސް، ސްކީމްގެ ބޭރުން 3.01 ބިލިއަން ރުފިޔާ ހޭދަކުރިކަމަށްވެސް ރިޕޯޓްގައި ވެއެވެ.
ރިޕޯޓްގައިވާގޮތުން މި ފަސް އަހަރު ތެރޭގައި އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފާމަސީތަކަށް 5.5 ބިލިއަން ރުފިޔާއެވެ. ސަރުކާރު ހޮސްޕިޓަލްތަކަށް 4.9 ބިލިއަން ރުފިޔާއާއި، އަމިއްލަ ހޮސްޕިޓަލްތަކަށް 3.1 ބިލިއަން ރުފިޔާއާއި، ރާއްޖެއިން ބޭރު ހޮސްޕިޓަލްތަކަށް 1.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ އާސަންދަ ހިދުމަތާ ގުޅޭގޮތުން އިސްލާހުކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަމަށެވެ. އާބާދީގެ ތެރެއިން ވަކި އަހަރަކު 353،154 މީހުން އާސަންދަ ސްކީމްގެ ދަށުން ފަރުވާ ހޯދަމުން އަންނައިރު، މި މުއްދަތުގައި ހިދުމަތް ހޯދާ މީހުންގެ އަދަދު 7 އިންސައްތަ އިތުރުވިއިރު، ސްކީމްގެ ހަރަދު 32 އިންސައްތަ އިތުރުވެފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ