ބޭސް ފަރުވާގެ އެހީތެރިކަން ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި އާސަންދަ ދިނުމަށް ލަފާދީފި

ބޭސް ފަރުވާގެ އެހީތެރިކަން ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި އާސަންދަ ދިނުމަށް ލަފާދީފި

Author
ހުސައިން
06 ޖެނުއަރީ 2026 04:51
0

އާސަންދައާއި އެންސްޕާއިން ހުރިހާ ރައްޔިތުންނަށް އެއް ހަމައަކުން ބޭސް ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި، ހަމައެކަނި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދޭން އޮޑިޓް އޮފީހުން ލަފާދީފިއެވެ.

އޮޑިޓް އޮފީހުން މިއަދު އާންމުކުރި 2019 އިން 2024އަށް އާސަންދައާއި އެންސްޕާގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، އެ މުއްދަތުގައި ބޭސް ފަރުވާއަށް 35.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 16 ބިލިއަން ރުފިޔާއަކީ އާސަންދަ ސްކީމަށް ކުރި ޚަރަދެވެ. އެ މުއްދަތުގައި ސްކީމުން ކުރި ޚަރަދު 32 އިންސައްތަ އިތުރުވިއިރު، ޚިދުމަތް ހޯދި މީހުންގެ އަދަދުން އިތުރުވީ އެންމެ ހަތް އިންސައްތައެވެ.

ރިޕޯޓުގައި ބައެއް އިސްލާހީ ފިޔަވަޅުތައް އަޅަން ލަފާދީފައިވެއެވެ. އޭގެ ތެރޭގައި، ސިއްހީ ޚިދުމަތް ހޯދަން ދައުލަތުގެ އެހީތެރިކަން ބޭނުންވާ ހާލަތުގައިވާ މީހުންނަށް އެކަނި އަމާޒުކޮށްގެން ޓާގެޓެޑް ސަބްސިޑީގެ ނިޒާމެއް ތައާރަފުކުރުން ހިމެނެއެވެ. އަދި، އެންމެ ބޮޑުކޮށް ބޭސް ވިއްކޭނެ އަގުތަކެއް ކަނޑައެޅުމާއި، ރާއްޖޭން ބޭރުން ފަރުވާ ހޯދާ މީހުންގެ އަތުން ކޮންމެ ވެސް އަދަދެއްގެ ފައިސާ ނެގޭނެ ކޯ-ޕޭމަންޓް ނިޒާމެއް ތައާރަފުކުރަން ވެސް ލަފާދީފައިވެއެވެ.

މީގެ އިތުރުން، ބަލިވުމުގެ ކުރިން ރައްކާތެރިވާން ޕްރިވެންޓިވް ހެލްތު ކެއާއަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ވެސް ރިޕޯޓުގައި ވަނީ ލަފާދީފައެވެ. މިދިޔަ އަހަރު ބަޖެޓުގައި ޖެހި 1.8 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް ވެސް އާސަންދައަށް ހޭދަކޮށްފައިވެއެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް އާސަންދައަށް ދެ ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ދަރަނީގެ މައްސަލަތައް ބޮޑުވެ، ސަބްސިޑީއާއި ބޭސް ފަރުވާގެ އެހީ ޓާގެޓްކޮށްގެން ނިކަމެތިންނަށް އެކަނި ދޭން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް މީގެ ކުރިން ރާއްޖެއަށް ލަފާދީފައިވެއެވެ. އެކަމަކު، އެ ބަދަލުތައް ސަރުކާރުން ތަންފީޒުކުރީ ނޫނެވެ. ރާއްޖޭގެ ދަރަނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މި އަހަރު އެކަނި ވެސް ރާއްޖޭން އެއް ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.